ވިއްސާރައިގައި ގެއްލުންވި 70 ގެއަކަށް ހަތަރު ލައްކަ ރުފިޔާ ދެނީ

މާލެއަށް ކުރި ވިއްސާރައިގައި 70 ގެއަކަށް އެކިވަރުގެ ގެއްލުންވެފައިވާތީ 457,246.20ރ ދިނުމަށް ހަމަޖެހިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އ...

03 Jan 2024 | 13:12

މާލެއަށް ކުރި ވިއްސާރައިގައި 70 ގެއަކަށް އެކިވަރުގެ ގެއްލުންވެފައިވާތީ 457,246.20ރ ދިނުމަށް ހަމަޖެހިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ 31 ޑިސެމްބަރު 2023 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި 34 ގޭބިސީއަކަށް ގެއްލުންވިއިރު، ސްޓްރަކްޗަރަލް ގެއްލުމުގެ އަގު 248,381 އަށް އަރާ ކަމަށެވެ. 65 ގޭބިސީގެ ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަދަދު 1,044,308 އަށް އަރާއިރު، ޖުމްލަ ގެއްލުމުގެ 20 އިންސައްތަ އެހީގެ ގޮތުގައި 208,861.60 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެންޑިއެމްއޭ އިން ބުނެއެވެ.

އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި ލިބުނު ގެއްލުންތައް ބެލުމަށް 154 ގޭބިސީގެ އެސެސްމެންޓް ހެދުމަށް ކަނޑައަޅުނު ކަމަށެވެ. 87 ތަނެއްގެ އެސެސްމެންޓް ހަދާފައިވާއިރު، 19 ތަނަކީ އެކިއެކި ވިޔަފާރިކުރާ ތަންތަން ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. އަދި 27 ގެއަކުން އެސެސްމެންޓް ހަދަން ބޭނުން ނުވާކަން އަންގާފައިވާކަމަށާއި 21 ގެއަކަށް އެކި ސަބަބުތަކާ ހެދި ވަދެވިފައި ނުވާކަމަށް އެންޑިއެމްއޭ އިން ބުނެއެވެ.

ވިއްސާރައިގައި ފެންބޮޑުވެ ލިބުނު ގެއްލުމުގެ ސަބަބުން 8 ގެއަކުން ޖުމްލަ 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ. އެންޑީއެމްއޭ އިން ބުނީ ވަގުތީ ބޯހިޔާވަހިކަން އަދި އިކުއިޕްމަންޓަށް 179,275 ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށެވެ.

ފެންބޮޑުވެގެން ރިޕޯޓުކުރި ތަންތަނަށް ވެލިބަސްތާ ޖެހުމަށް އެންޑީއެމްއޭ އިން ވަނީ 10,100 ގޯނި ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް