މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޚާއްސަކޮށްގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާފައިވާ "އެންޓި-ކޮރަޕްޝަން އިލެކްޝަން ސްޓްރެޓަޖީ" އާންމުކޮށް އެ ސްޓްރެޓެޖީއާ އެއްގޮތަށް އަމަލުކުރަން ފަށައިފިއެވެ.
"މަޖިލިސް އިންތިޚާބު 2024 - އެންޓިކޮރަޕްޝަން އިލެކްޝަން ސްޓްރެޓެޖީ" އަކީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން ވިލަރެސްކޮށް، އިންތިޚާބުގައި ހިންގާފާނެ ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވައި ނަޒާހަތްތެރި އިންތިޚާބެއް ބޭއްވުމަށް ބާރުއެޅުމުގެ ގޮތުން ކޮމިޝަނުން ގެންގުޅޭނެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ މި ސްޓްރެޓެޖީގެ މަޤްސަދަކީ އިންތިޚާބީ ދުވަސްވަރު ހިނގާފާނެ ކޮރަޕްޝަނުގެ ޢަމަލުތަކަށް ފާރަވެރިވެ އެފަދަ ޢަމަލުތައް ހިންގުން މަދުކުރުމާއި، އިންތިޚާބީ ކޮރަޕްޝަނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުން ހަރުދަނާކުރުމާއި މައްސަލަތައް ބެލުން އަވަސްކުރެވޭނެ މަގު ހޯދުން ކަމަށެވެ. އަދި ވޯޓުލުމުގައި ނަޒާހަތްތެރިވުމުގެ މުހިންމުކަމާމެދު ކަމާބެހޭ އެންމެހާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ އިތުރުން، އިންތިޚާބީ ދުވަސްވަރަށް ތައްޔާރުވުމަށް ކޮމިޝަނުން ކުރަންޖެހޭ އެންމެހާ ކަންކަން ރޭވުންތެރިކަމާއެކު ނަތީޖާ ނެރެވޭގޮތަކަށް ބައްޓަންކުރުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެންޓި-ކޮރަޕްޝަން އިލެކްޝަންސް ސްޓްރެޓެޖީގައި މައިގަނޑު 6 ސްޓްރެޓެޖީއެއް ކަނޑައަޅައި އޭގެ ދަށުން 14 ޙަރަކާތް ރާވައި ހިންގުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް