އަހަރެން ސައުދީ ލީގަށް ބަދަލުވީ ޔޫރަޕުން ކުލަބެއް ނުލިބިގެން ނޫން - ރޮނާލްޑޯ

ޔޫރަޕް ދޫކޮށް ސައުދީ އަރަބިއަޔާގެ ކުލަބް އަލް ނަޞްރަށް ބަދަލުވީ ޔޫރަޕުން ކުލަބެއް ނުލިބިގެން ނޫން ކަމަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ރޮނާލްޑޯ މިހެން ބުނީ މިރޭ އަލް ނަޞްރުގެ ހަތް ނަ...

03 Jan 2023 | 18:43

ޔޫރަޕް ދޫކޮށް ސައުދީ އަރަބިއަޔާގެ ކުލަބް އަލް ނަޞްރަށް ބަދަލުވީ ޔޫރަޕުން ކުލަބެއް ނުލިބިގެން ނޫން ކަމަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ މިހެން ބުނީ މިރޭ އަލް ނަޞްރުގެ ހަތް ނަމްބަރު ޖޯޒީގައި އޭނާ ދައްކާލުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ރޮނާލްޑޯއާއެކު އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލް ނަސްރުގެ ރައީސްގެ އިތުރުން އަލް ނަޞްރުގެ ކޯޗު ރުޑީ ގާސިއާވެސް ވަނީ ބައިވެރިވެފައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ އޭނާ އަލް ނަޞްރަށް ބަދަލުވީ ޔޫރަޕުން ކުލަބެއް ނުލިބިގެން ކަމަށް ބުނެ މީޑިއާގައި ގިނަ ވާހަތަކަތަކެއް ދެއްކި ކަމަށެވެ. ނަމަވެސް އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

ރޮނާލްޑޯ ބުނީ އަލް ނަޞްރަށް ސޮއިކުރުމުގެ ކުރިން އޭނާއަށް ގިނަ ހުށަހެޅުންތަކެއް ލިބުނުކަމަށެވެ. އެގޮތުން ޔޫރަޕުގެ ކުލަބުތަކާއި، އޮސްޓްރޭލިޔާ، ބްރެޒިލް އަދި އަމިއްލަ ގައުމުކަމަށްވާ ޕޯޗުގަލްގެ ކުލަބުތަކުގެ ހުށަހެޅުން ލިބުނުކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ބުނެފައެވެ. ނަމަވެސް އޭގެ އެއްވެސް ޙުށައެލުމެއް ގަބޫލު ނުކޮށް ދޫކޮށްލީ ހަމައެކަނި އަލް ނަސްރަށް އައުމަށް ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

ރޮނާލްޑޯ އިތުރަށް ބުނީ، އަލް ނަސްރަށް އޭނާ ބަދަލުވާން ނިންމި ނިންމުމަކީ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ ނިމުންކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށާއި ނަމަވެސް އެފަދަ ވާހަތައް އެ ދައްކަނީ ފުޓުބޯޅަ ރަނގަޅަށް ނޭނގޭ މީހުން ކަމަށެވެ. އަދި ސައުދީ ލީގަކީ ވާދަވެރިކަން ބޮޑު ލީގެއް ކަމަށް ގަބޫލުކުރާ ކަމަށާއި މިއީ އޭނާގެ ކެރިއަރުގެ ނިމުން ނޫންކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނީ އޭނާ ސައޫދީގެ ކުލަބަކާ ގުޅުނީ ވަރަށް ގިނަ ގޮތްގޮތުން ވިސްނާފައި ކަމަށެވެ. އެގޮތުން ސައުދީ ކުލަބާއި ގުޅެން ބޭނުންވީ މޮޅު ކުޅުމެއް ދައްކައި، ރެކޯޑުތަކެއް ހެދުމުގެ އިތުރުން ސައޫދީގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

އަލް ނަޞްރަށް ބަދަލުވުމާއި އެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއާށެވެ. އެގޮތުން ރޮނާލްޑޯ ސައުދީގެ އަލް ނަސްރަށް ބަދަލުވީ އަހަރަކު 200 މިލިއަން ޑޮލަރު ލިބޭ އެއްބަސްވުމެއްގެ ދަށުންކަމަށް ރިޕޯޓުތައް ބުނެއެވެ. މި އެއްބަސްވުމާއި އެކު އޭނާ 2025 ވަނަ އަހަރާއި ހަމައަށް އެ ކުލަބުގައި މަޑުކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް