ކާރުގެ ފުރޮޅުގައި އަންޖަލީ ތާށިވި ހާދިސާ ފެނުނު މީހާއާއި މަންމަގެ ވާހަކަ ތަފާތު!

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންހެނަކު ދަތުރު ކުރަމުން ދިޔަ ސްކޫޓަރެއްގައި ކާރެއް ޖައްސައި އެކްސިޑެންޓުކޮށް މަރާލުމަށް ފަހު، އެ އަންހެން މީހާ ކާރުގެ ފޮރުޅުގެ ދަށުގައި ތާށިކޮށްގެން ދުއްވި ހާދިސާ...

03 Jan 2023 | 18:30

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންހެނަކު ދަތުރު ކުރަމުން ދިޔަ ސްކޫޓަރެއްގައި ކާރެއް ޖައްސައި އެކްސިޑެންޓުކޮށް މަރާލުމަށް ފަހު، އެ އަންހެން މީހާ ކާރުގެ ފޮރުޅުގެ ދަށުގައި ތާށިކޮށްގެން ދުއްވި ހާދިސާ ފެނުނު މީހާ އާއި އެ އަންހެން މީހާގެ މަންމަ ދައްކާ ވާހަކަ ތަފާތުވެއްޖެ އެވެ.

މި ހާދިސާގައި މަރުވީ ދިއްލީގެ ސުލްތާންޕޫރީގެ އަމަން ވިހާރަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އަންޖަލީ ކިޔާ އަންހެނެކެވެ. މި ހާދިސާ ހިނގީ މިއަހަރު ފެށުނު ރޭ އާ އަހަރު ފެށުނު ފަހުން މެންދަމުގެ ވަގުތެއްގައި އެވެ.

އަންޖަލީ ސްކޫޓަރުގައި މެންދަމު ދިޔައީ ވަޒީފާ އަދާ ކުރާ އޮފީހުން ގެއަށެވެ. މި މައްސަލައިގަ ފުލުހުން ވަނީ ކާރުގައި ތިބި ފަސް ފިރިހެނުން ހައްޔަރު ކޮށްފައި އެވެ.

އަންޖަލީގެ ސްކޫޓަރު ދުއްވާފައި ދަނިކޮށް ކާރެއް އެ ސްކޫޓަރުގައި ޖެހި އެކްސިޑެންޓުވިތަން ފެނުނު މީހަކު މީޑިއާގައި ބުނީ އަންޖަލީ ތާށިވީ އެކްސިޑެންޓުވި ވަގުތު ސްކޫޓަރުން ވެއްޓި ކަމަށެވެ. އޭނާ ބުނީ އެކްސިޑެންޓުވުމުން ކާރު މަޑުނުކޮށް ދުއްވާލުމުން ފުރޮޅުގައި އަަންޖަލީ ތާށިވެފައި އޮތްކަން އެމީހުންގެ ސަމާލުކަމަށް ގެނައުމަށް ބާރަށް ދުއްވައި ކާރާއި ހަމަކުރި ނަމަވެސްް އެމީހުން ސަމާލު ކަން ދީފައި ނުވާ ކަމަށެވެ.

އެމީހާ ބުނީ އެ އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންގެ ކޮންޓްރޯލް ރޫމަށް ފުރަތަމަ ކުރީ އޭނާ ކަމަށެވެ. އެކަމަކު ފުލުހުން ޖަވާބުދިން ގޮތުން އެމީހުން ސަމާލުކަން ނުދިންކަން އެނގުނު ކަމަށެވެ.

މަންޒަރުދުށް ފިރިހެން މީހާ ބުނީ އޭނާ ގަބޫލު ކުރާ ގޮތުގައި ކާރުގެ ފުރޮޅުގައި އަންހެން މީހާ ތާށިވެފައި އޮތްކަން އެމީހުންނަށް އެނގެ އެވެ.

އެއީ އޭގެ ފަހުން ކާރު ދުއްވުމުން އަންޖަލީ ފުރޮޅުން ނައްޓާތޯ ބަލަން އެމީހުން އެއް ސަރަހައްދެއްގައި ތިން ފަހަރު ޔޫޓާން އަޅައިގެން ކާރު ދުއްވި ކަމަށެވެ. އަދި ފަހުން އަންޖަލީގެ ހަށިގަނޑު ނުނެއްޓުމުން ކާރު މަޑު ކުރުމަށް ފަހު ފުރޮޅުން ހަށިގަނޑު ވަކިކޮށް މަގުމަތީގައި ބޭއްވުމަށް ފަހު ދިޔައީ ކަމަށް ބުންޏެވެ. އެ ހަށިގަނޑު ފެނުނު ކަންވެސް ފުލުހުންނަށް ރިޕޯޓު ކުރީ އޭނާ ކަމަށް ބުނެފައިވެ އެވެ.

އޭގެ ކުރިން އަންޖަލީއާއި މެދު އެމީހުން ކަމެއް ކުރިކަން އޭނާއަށް ނުފެންނަ ކަމަށް ބުންޏެވެ.

އެކަމަކު އަންޖަލީ މަންމަ ބުނަމުން ދަނީ އޭނާގެ ދަރިފުޅު އެމީހުން އެކްސިޑެންޓުކޮށް މަރާލީ ރޭޕް ކުރުމަށް ފަހު ކަމަށެވެ. އެއީ އޭނާ އޮފީހަށް ދިޔައީ ނިވާކަން ބޮޑު ހެދުމެއްގައި ކަމަށްވާއިރު މަގުމަތީގައި މަރުވެފައި އޮއްވައި ރިޕޯޓުކޮށްގެން ފުލުހުން ދިޔައިރު ބަރަހަނާ ހާލުގައި އޮތް ކަމަށް ބުނާތީ އެވެ.

އޭނާގެ މަންމަ ދަނީ އަންޖަލީގެ ހަށިގަނޑު އެއްކޮށް ދައްކަން ފުލުހުން ދެކޮޅު ހަދަމުންދާކަމަށްވެސް ބުނަމުންނެވެ.

އެ ފަސް މީހުންގެ މައްޗަށް ގަސްދުގައި މީހަކު މަރާލައި އަނިޔާއެއް ދިން ކަމުގެ ތުހުމަތެއް ނުކުރެ އެވެ. ފުލުހުން ބުނީ ހައްޔަރު ކުރި މީހުންގެ މައްޗަށް އިހުމާލުން މީހަކު މަރުވުމުގެ ތުހުމަތުގެ އިތުރުން ތުހުމަތެއް ކުރެވޭނީ އަންޖަލީގެ ޕޯސްޓްމޯޓަމް ރިޕޯޓު ލިބުމުން ކަމަށެވެ. އެކަމަކު އެމީހުން ހައްޔަރުން ދޫކޮށްލެވޭނީ އެއީ ގަސްދުގައި ކުރި ކަމެއް ނޫންކަން ސާބިތު ކޮށްދިނުމުން ކަމަށްވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް