ނިމިގެން ދިޔަ ހުކުރު ދުވަހު ސައުދީ އަރަބިއާގެ ކުލަބު އަލް ނަޞްރަށް ސޮއިކުރި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފިއެވެ.
އަލް ނަޞްރުގެ ހަތް ނަމްބަރު ޖާޒީގައި ރޮނާލްޑޯ ފުރަތަމަ ފަހަރަށް ރަސްމީކޮށް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިރޭ ރިޔާދުގެ ރަސްމީ ސްޓޭޑިއަމް މިރްސޫލް ޕާކުގައެވެ. 25 ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ބޭއްވި މި ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކުރިއިރު، މި ރަސްމިއްޔާތުގައި ރޮނާލްޑޯގެ އަންހެނުންނާއި ކުދިން ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވިއިރު، މި ބައްދަލުވުމުގައި ރޮނާލްޑޯ ވަނީ ގިނަ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ރޮނާލްޑޯގެ ޓްރާންސްފާއާއި ގުޅިގެން ދުނިޔޭގެ ބޮޑެތި މީޑިއާ ތަކުގައި ދެކެވުނު ވާހަކަތަކާއި ގުޅިގެން ރޮނާލްޑޯ ބުނީ އޭނާއާއި ގުޅޭ ގޮތުން މީޑިއާގައި ދެކެވުނީ ހަޤީޤަތާއި ޚިލާފު ވާހަތަކެއް ކަމަށެވެ.
އެގޮތުން ރޮނާލްޑޯ ބުނީ އޭނާއަކީ މީހުން ކިޔާ ފާޑުކިޔުންތަކާމެދު ކަންބޮޑުވެ، އެކަމަށް ރައްދުދީ ހަދާނެ މީހެއް ނޫން ކަމަށެވެ. އަދި އޭނާ އަލް ނަސްރަށް ބަދަލުވީ ޔޫރަޕުގެ ބޮޑު ކުލަބަކުން އޭނާއަށް ހުށަހެޅުމެއް ނައުމުން ނޫން ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ. ރޮނާލްޑޯ ބުނީ އޭނާގެ ސޮއި ހޯދުމަށް ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ގިނަ ކުލަބުތަކަކުން މަސައްކަތް ކުރިކަމަށާއި އޭގެތެރޭގައި ޕޯޗުގަލްގެ ބައެއް ކުލަބުތަކާއި ބްރެޒިލްއާއި އޮސްޓްރޭލިއާގެ އިތުރުން އެމެރިކާގެ ބައެއް ކުލަބުތަކުން ވެސް ހިމެނޭ ކަމަށެވެ.
ރޮނާލްޑޯ އިތުރަށް ބުނީ، އަލް ނަސްރަށް އޭނާ ބަދަލުވާން ނިންމި ނިންމުމަކީ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ ނިމުންކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އެހެން އެ ބުނަނީ ފުޓުބޯޅަ ރަނގަޅަށް ނޭނގޭ މީހުން ކަމަށެވެ. އަދި ސައުދީ ލީގަކީ ވާދަވެރިކަން ބޮޑު ލީގެއް ކަމަށާއި، މިއީ އޭނާގެ ކެރިއަރުގެ ނިމުން ނޫންކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެއެވެ.
މީގެ އިތުރުން ރޮނާލްޑޯ ބުނީ އޭނާ ސައޫދީގެ ކުލަބަކާ ގުޅުނީ އެކި ގޮތްގޮތުން ވިސްނާފައި ކަމަށެވެ. ރޮނާލްޑޯ ބުނީ އޭނާ ބޭނުންވަނީ މޮޅު ކުޅުމެއް ދައްކައި، ރެކޯޑުތަކެއް ހެދުމުގެ އިތުރުން ސައޫދީގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް ކަމަށެވެ. ރޮނާލްޑޯ ބުނީ ސައޫދީގައި ފުޓުބޯޅަ ކުރިއަރާފައިވާ ކަަމަށާއި، ދާދި ފަހުން ނިމުނު ވޯލްޑް ކަޕްގައިވެސް ސައޫދީން މޮޅު ކުޅުމެއް ދެެއްކިކަމަށެވެ. އެގޮތުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ބަލިކުރެވުނު ހަމައެކަނި ޓީމަކީ ސައޫދީކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއާގެ ގޮތުގައި ރޮނާލްޑޯ ސައުދީގެ އަލް ނަސްރަށް ބަދަލުވީ ދެ އަހަރާއި ބައިގެ މުއްދަތަކަށް އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ އެއްބަސްވުމުގެ އަގު 200 މިލިއަން ޑޮރަލަށް އަރާކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް