ވިއެޓްނާމްގައި ކޮންކްރީޓް ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައިވާ ކުޑަކުއްޖަކު ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް އެބަ ގެންދެއެވެ.
އުމުރުން 10 އަހަރުގެ ތައި ލީ ހާއު ނަމަކަށްކިޔާ އެ ކުއްޖާ އެ ހޮހޮޅައިގާ ތާށިވެފައިވާތާ މިއަދަށް މި ވީ ތިން ދުވަހެވެ.
ވިއެޓްނާމްގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ އެގައުމުގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ލީ އެ ހޮހޮޅައަށް ވެއްޓުނީ އާ އަހަރުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އެ ހޮހޮޅައަކީ ބްރިޖެއް އެޅުމަށް ކޮންކްރީކް އަޅަމުންދާ ސަރަހައްދެއްގައި ހެދިފައިވާ ވަރަށް ހަނި ޖާގައެއް އެކުލެވޭ ހޮހޮޅައެއްކަމަށް ބުނެފައިވެއެވެ.
އެގޮތުން އެ ހޮހޮޅައިގެ މަތީގައި ހުރީ ވަށަމިނުގައި ގާތްގަނޑަކަށް 10 ވަރަކަށް އިންޗި ކަމަށާއި ލީ ތާށިވެފައިވަނީ އެ ހޮހޮޅައިގެ 35 މީޓަރު (ގާތްގަނޑަކަށް 115 ފޫޓު) އަޑީގައެވެ.
އެ ރޭ ލީ އެ ހޮހޮޅައިގާ ތާށިވީ އޭނާގެ ދެ އެކުރިއަކާއެކު ބާ ދަނގަޑު އެއްކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. އަދި ލީ އެ ހޮހޮޅައިގާ ތާށިވެފައިވާކަން އެނގުނީ ޖެހިގެންއައިދުވަހު އެ ކޮންސްޓްރަކްޝަން ސައިޓުން، ލީ އެހީއަށްއެދި ގޮވާ އަޑު އިވިގެންކަމުގައިވެސް ވިއެޓްނާމްގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
ލީ ދުނިޔޭގައި ހުރިކަންވެސް މިހާރު ކަށަވަރު ނުވާއިރު ލީ ސަލާމަތް ކުރުމަށް ވިއެޓްނާމްގެ ކަމާއިބެހޭ ފަރާތްތަކުން އަންނަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް