އަރަބިއްޔާ އިމާރާތުގެ މައްސަލައަކީ ދަރިވަރުންގެ ތަޢުލީމަށާއި ނަފްސާނީ ގޮތުން އަސަރުކުރާނެ ކަމެއް ކަމަށް ސޯޝަލް މީޑިއާގައި އަރަބިއްޔާ ސްކޫލުގެ ހައްޤުތައް ހޯދަމަށްޓަކައި ވަކާލާތު ކުރަމުން އަންނަ އަރަބިއްޔާ ފެމިލީ ޕޭޖުން ބުނެފިއެވެ.
އެ ޕޭޖުން މިހެން ބުނެފައި ވަނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުން ލަސްވެ، މިހާރު ބޭނުން ކުރަމުންދާ އިމާރާތުގައި ދަރިވަރުން ކިޔަވަން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ މިއަދު ނެރުނު ބަޔާނެއްގައެވެ.
އެގޮތުން އަރަބިއްޔާ ފެމިލީން ނެރެފައިވާ ބަޔާނުގައި ވަނީ އަރަބިއްޔާ ދާއިމީ އިމާރާތްގެ މަސައްކަތް ނުވަތަ ޗާންދަނީ މަގުގައި ހުރި އިމާރާތް އެކަށީގެންވާ ގޮތަކަށް މަރާމާތު ކޮށްދިނުމަށް އެދިފައެވެ.
އަރަބިއްޔާ ކުދިން މިހާރު ކިޔަވަމުންދާ އިމާރާތަކީ އޮފީހެއްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ ތަނަކަށް ވާތީ ލެބޯޓްރީ އާއި ލައިބްރަރީ ފަދަ ޚިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާ ވަނީ މި ބަޔާނުގައި ކޮށްފައެވެ. އަދި ލެބޯޓްރީގެ ޚިދުމަތް ގަވައިދުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން ބަޔާނުގައި، މިނިސްޓްރީ އަށް ވަނީ ގޮވާލައިފައެވެ.
ސީއެޗްއެސްސީގެ ލެބޯޓްރީ އަރަބިއްޔާ ދަރިވަރުންނަށް ބޭނުން ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ނަމަވެސް އެ ފުރުސަތެއް ނުލިބޭ ކަމަށާއި މިހާރު ކިޔަވަމުންދާ އިމާރާތުގައި ކިޔަވާތާ އެއް އަހަރުވެފައިވާއިރު ލެބޯޓްރީ ބޭނުން ކުރަން ލިބިފައި ވަނީ ގްރޭޑް 12ގެ ދަރިވަރުންނަށް އެކަނި ކަމަށާއި އެ ދަރިވަރުންނަށް ވެސް ގަވައިދުން ލައިބްރަރީ ބޭނުން ކުރުމުގެ ޚިދުމަތް ނުލިބޭ ކަމަށް އެ ބަޔާނުގައި ވެއެވެ.
އަރަބިއްޔާ ފެމިލީން ނެރުނު ބަޔާނުގައި ވަނީ އެ ސްކޫލު ދަރިވަރުން ބޭނުން ކުރުމަށް އިސްލާމީ މަރުކަޒު ނުވަތަ ސަލްމާން މިސްކިތުގެ ލައިބްރަރީ ހަމަޖައްސައިދިނުމަށް ވެސް އެދިފައެވެ.
އިތުރު ހަރަކާތް ހިންގުމަށް ޖާގަ ނެތް ކަމަށް ބުނެ، އެހެން ސްކޫލުތަކުގެ ދަރިވަރުންނެކޭ އެއްގޮތަށް އަރަބިއްޔާ ދަރިވަރުން ވެސް މުބާރާތްތަކުގައި ވާދަ ކުރުމަށް ފަރިތަކުރުންތަކަށް ޖާގައެއް ހަމަޖައްސައިދިނުމަށް ބަޔާނުގައި އެދިފައިވެއެވެ.
މީގެ އިތުރުން، ސްކޫލާ އިންވެގެން އޮތް މާލެ ސިޓީ ކައުންސިލްގެ ބިން، ދަރިވަރުންގެ އިތުރު ހަރަކާތްތަކަށް ފުރުސަތު ފަހިކޮށްދެވޭނެ ކަމަށާއި އަންނަ އާދިއްތަ ދުވަހު މި އަހަރުގެ ދެވަނަ ޓާމުގެ ފެށުމުގެ ކުރިން ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެދިފައި ވާއިރު، ދަރުމަވަންތަ ސްކޫލު މިހާރު ހިންގަމުންދާ ވަގުތީ އިމާރާތް ހުސްވުމުން އެ ސްކޫލަށް ބަދަލުކޮށްދިނުމަށް އަރަބިއްޔާ ފެމިލީން ނެރުނު ބަޔާނުގައި ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް