ފުއްގިރި މައްސަލާގައި އާ ހެކި ހުށަހެޅުމަށް އެދިއްޖެ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލާގައި އާ ހެކި ހުށަހެޅުމަށް ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދައުލަތުންވެސް ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެއ...

03 Jan 2023 | 09:21

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލާގައި އާ ހެކި ހުށަހެޅުމަށް ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދައުލަތުންވެސް ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެއެވެ.

މި މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ، މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާއެވެ.

މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

އެގޮތުން މިއަދުގެ އަޑުއެހުމަކީ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މި މައްސަލައާއި ހަވާލުވި ފަހުން ބޭއްވި ފުރަތަމަ އަޑު އެހުމެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޕެންޑޯރާ ޕޭޕާޒްއާ ހަވާލާދީ އޮގަނައިޒްޑް އޯސީސީއާރްޕީ އިން ޝާއިއުކުރި ރިޕޯޓާ ގުޅިގެން ހޯދި އާ ހެކިތައް ހުށަހެޅުމަށް ފުރުސަތަކަށް އެދިފައެވެ.

އަދި ދައުވާ ރައްދުވާ ކުރީގެ ރައީސް ޔާމީންގެ ވަކީލުން ވަނީ ޔާމީންގެ ފަރާތުން އާ ހެކިތަކެއް މިއަދު ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި އެ ހެކި ހުށަހަޅަން ފުރުސަތަކަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ދައުލަތުގެ ހެކިތައް ދިރާސާކޮށް ދިފާއުގައި އާ ހެކި ހުށަހަޅަން ދައުވާ ލިބޭ އަހްމަދު ކްރިކް ރިޒާގެ ވަކީލުންވެސް އެދިފައި ވެއެވެ.

މިގޮތުން އާ ހެކިތައް ހުށަހެޅުމުން އެ ހެކިތައް ބަލައިގަތުމާމެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ނަދީމު ވަނީ މިއަދު ވިދާޅުވެފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް