ވެރިކަމުގައި ހުންނަ މީހަކު ރަނގަޅު ޚިދުމަތެއް ކުރަން އެދެނީނަމަ ވެރިކަމުގެ އަރާމާއި ދުރުވުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދަތުރެއްގައި ފުވައްމުލައް ސިޓީ އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައެވެ.
އެގޮތުން ނަޝީދު އެ ސިޓީއަށް ވަޑައިގެން ބޭއްވި ކެމްޕޭނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ރައީސަކީ ރަދުންގެ ގޮތުގައި ދެކޭނަމަ އެއީ ތަރައްގީއަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށެވެ.
އެމަނިކުފާނަކީ ވެސް ރައީސްކަން ކުރެއްވި ބޭފުޅެއްކަމުން ވެރިކަމުގެ ލައްޒަތާއި އަރާމް އެކުލެވިގެންވާކަން އެނގިވަޑައިގަންނަވާ ކަމަށާއި ރައީސަކަށް ހުންނަ މީހަކު ރަނގަޅު ޚިދުމަތެއް ކުރަން އެދޭނަމަ އެ އަރާމާއި ދުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިގޮތުން އެމްޑީޕީ ވުޖޫދުވި އެއް ސަބަބަކީ ވެސް ދަރިންނަށް ހެޔޮގޮތް ހޯދައިދިނުން ކަމަށާއި، އަވަހާރަފުޅު ލައްޕަވަން ނޯންނަވައި، ހެނދުނު ތެދުވެވަޑައިގެން އެ މަސައްކަތުގައި އުޅުމަށް ރައީސް ޞާލިޙްގެ އަރިހުގައި ދަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވަނީ މި ފެށުނު 2023 ވަނަ އަހަރަކީ ވަރަށް ތާށި އަހަރެއް ކަމަށާއި ޓެކްސް ބޮޑުވެ ރައްޔިތުންނަށް ބުރަ ބޮޑުވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. ނަޝީދު މިހެން ވިދާޅުވި އިރު ރާއްޖެއަށް ފުރަތަމަ ޓެކްސް ތައާރަފު ކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި އެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ28 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ނަޝީދާއި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް