ތެޔޮ ބޯޓުން ގެއްލުނު މީހާ މާލޭ، ގެސްޓު ހައުސްއެއްގައި، ފެނުނީ މިއަދު: ފުލުހުން

މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ތެޔޮ ބޯޓަކާއި އެކު ގެއްލިގެން ހޯދަމުންދާ ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެ އެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ގދ. ތިނަދޫ، މަނާރު، އުމުރުން 45 އަހަރު...

03 Jan 2023 | 07:51

މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ތެޔޮ ބޯޓަކާއި އެކު ގެއްލިގެން ހޯދަމުންދާ ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެ އެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ގދ. ތިނަދޫ، މަނާރު، އުމުރުން 45 އަހަރުގެ މުހައްމަދު ނިޒާމާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މުހައްމަދު ލިޓަން އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެގެ ތެރެއިން މާލެއިން ފެނިފައިވަނީ ނިޒާމް ކަމަށެވެ. އޭނާ ފެނުނީ ގެސްޓު ހައުސްއަކުން، މިއަދު ކަމަށް ވިދާޅުވި އެވެ.

ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ފުލުހުން ބުނީ މިކަމާއި ގުޅޭ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށެވެ.

ފުލުހުންނަށް އޭނާ ފެނުނީ މިއަދު ކަމަށް ބުނި އިރު އިއްޔެގެ ވަގުތެއްގައި އިބްރާހިމް މުހައްމަދު ކިޔާ މީހަކު ވަނީ ސޯޝަލް މީޑިއާގައި ނިޒާމާއި އެކު ނަގާފައިވާ ފޮޓޯއެއް އާންމުކޮށް، ދެމީހުން ބައްދަލުވީ ކެފޭއަކުން ކަމަށް ބުނެފައި އެވެ. އަދި އޭނާ އާއި ސުވާލު ކުރުމުން އެއީ ފުލުހުން ހޯދާ މީހެއް ނޫން ކަމަށް ބުނި ކަމަށްވެސް އިބްރާހިމް މީޑިއާގައި ބުނެފައިވެ އެވެ.

ނިޒާމް އާއި ދެކެވުނު ވާހަކައިގަ އޭނާ ހޯދަން އިއުލާނު ކުރިކަން އެނގިގެން ފުލުހުންގެ އިދާރާއަށް ދިޔަކަމަށް ބުނި ކަމަށްވެ އެވެ. އަދި ފުލުހުންގެ އިދާރާއިން އޭނާ ނުހޯދާ ކަމަށް ބުނި ކަމަށް އިބްރާހިމް ބުންޏެވެ.

އޭގެ ކުރިން "ދުވަސް" އަށް މައުލޫމާތު ހިއްސާ ކުރި ވިލިމާލޭ ފަޅުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގެ ކައްޕިއަކުވެސް ވަނީ މިދިޔަ މަހުގެ29 ވަނަ ދުވަހު ހެނދުނު ނިޒާމް އެހެން ދޯންޏެއްގައި ހުއްޓަ ފެނުނު ކަމަށް ބުނެފައި އެވެ.

ބަންގްލަދޭޝް މީހާ އާއި އެކު ނިޒާމް ފުރި ކަމަށް ބުނި ތެޔޮ ބޯޓު ފެނިފައިވަނީ ހުޅުލޭ ފަޅު ކައިރިން އޮޔާ ދަނިކޮށް މިމަހުގެ އެއް ވަނަ ދުވަހު އެވެ. އެކަމަކު އަދިވެސް ބަންގްލަދޭޝް މީހާއެއް ނުފެެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް