ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، ފައުންޑޭޝަން ބީމާއި ކޮލަމް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި ފުރާޅުގެ ބީމް މަސައްކަތްތަކުގެ 81 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 5.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެކެވެ.
ހާފްވޭ ހައުސްތަކުގައި ތިބޭ ކުދިން މުޖުތަމައަށް ނިކުތުމަށް ތައްޔާރު ވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.
އެ ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ 150 ދުވަސް ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް