އިންތިހާބަށް ނުކުންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުން: ނަޝީދު

އިންތިހާބަށް ނުކުންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑ...

03 Jan 2023 | 04:39

އިންތިހާބަށް ނުކުންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އެ މަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.

އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ކަމަށާއި، އެއީ ސަރުކާރުން އެންމެ ބޮޑަށް އަހަންމިއްޔަތުކަން ދޭން ޖެހޭނެ ކަންކަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ހުރިހާ ރަށަކުންވެސް ގޯތިކަނޑާފައި ދިނުމަކީ އެމްޑީޕީގެ ވައުދުވެފައިވާ ސިޔާސަތުތައް ކަމަށައި، މިއަދާއި ހަމައަށް އައިއިރުވެސް އެކަން ނުނިމި އޮތް ކަމީ، ވަރަށް ބޮޑު ލަދުވެތި ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށްވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. ރާއްޖޭގައި ފަގީރުންނާއި މުއްސަނދިންގެ ފަރަގު މާ ބޮޑަށް ފެންނަމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިގޮތުން އެމްޑީޕީގެ ގިނަ މެންބަރުން ސަރުކާރާއި ނުރުހި އެމްޑިޕީއާ ދުރަށް ދާން ޖެހިފައި ވަނީ، ބޯހިޔާވަހިކަމުގެ މައްސަލައިގައި ކަމަށް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރުން ނަޝީދު ވަނީ، ދެން އުފެދޭ އެމަނިކުފާނުގެ ސަރުކާރެއްގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އަވަދިނެތި މަސައްކަތް ކުރައްވާނެ ކަމުގެ ވައުދުވެވަޑައިގަންނަވާފައެވެ.

އެމްޑީޕީގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ތަނަވަސް، ހާސްކަމެއް ނެތް ދިރިއުޅުމަށް ހޯދާ ދިނުން ކަމަށާއި 2023 އަށް އެމްޑީޕީން ކުރިމަތިލަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ ފުރުސަތު ހޯދުމަށް ކަމަށްވެސް ނަޝީދު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް