އީރާންގައި މުޒާހަރާ ކޮށްގެން މަރުގެ ހުކުމް އިއްވި ބައެއް މީހުންނަށް ފުރުސަތެއް ލިބެނީ!

އީރާންގައި ކުރަމުންދާ މުޒާހަރާ ތަކާއި ގުޅިގެން މަރުގެ ހުކުމް އިއްވާފައިވާ ބައެއް މީހުންގެ ޝަރީއަތްތައް އަލުން ބަލަން ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހ...

03 Jan 2023 | 03:58

އީރާންގައި ކުރަމުންދާ މުޒާހަރާ ތަކާއި ގުޅިގެން މަރުގެ ހުކުމް އިއްވާފައިވާ ބައެއް މީހުންގެ ޝަރީއަތްތައް އަލުން ބަލަން ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓަ މަހްސާ އަމީނީ ކިޔާ އުމުރުން 22 އަހަރުގެ އަންހެނަކު މަރުވި މައްސަލައިގަ ކުރަން ފެށި މުޒާހަރާތަކެކެވެ. މަހްސާ މަރުވީ މަގުމަތީގައި ފެޝަން ބުރުގާ އަޅައިގެން އުޅެނިކޮށް ހައްޔަރުކޮށްފައި ހުއްޓަ ފުލުހުން ދިން އަނިޔާތަކާއި ގުޅިގެން ކަމަށް ދަނީ ބުނަމުންނެވެ.

މެދުކެނޑުމެއް ނެތި އީރާނުގެ ބޮޑެތި ސިޓީތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާއި އާންމުންނާއި ދެމެދު ހަމަލާ ބަދަލު ކުރުންތަކުގެ ތެރެއިން ދެ ފަރާތަށްވެސް ދަނީ ބޮޑެތި އަނިޔާތައް ލިބެމުންނެވެ. މުޒާހަރާތަކާއި ގުޅިގެން މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރެއިން ބައެއް މީހުންނަށް ދަނީ މަރުގެ ހުކުމް އިއްވަމުންނެވެ.

މަރުގެ ހުކުމް އިއްވަނީ އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުކޮށް ދައުވާ ކުރުމަށް ފަހު އެވެ. އިސްލާމް ދީނާއި ދެކޮޅަށް އުޅުމަކީ އެ ގައުމުގައި އިސްލާމީ ޝަރީއާ އާއި އެއްގޮތަށް އަމަލު ކޮށް މަރުގެ ހުކުމް އިއްވާ ކުށެކެވެ.

މިހާތަނަށް 11 މީހަކަށް އެ ހުކުމް އިއްވާފައިވާއިރު އޭގެ ތެރެއިން ދެ މީހަކު ވަނީ ދަން ޖައްސައިގެން މަރާލައި ހުކުމް ތަންފީޒު ކޮށްފައި އެވެ. ބާކީ ތިބި ނުވަ މީހުންގެ ތެރެއިން އަލުން ޝަރީއަތް ކުރިޔަށް ގެންދަން އެންގީ ތިން މީހެއްގެ މައްސަލައިގަ އެވެ.

އޭގެ ތެރޭގައި އީރާގެ މަޝްހޫރު ރެޕާއެއް ހިމެނެ އެވެ. ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނީ އޭނާ ހިމެނޭހެން ތިން މީހަކަށް އިއްވި މަރުގެ ހުކުމުގެ ޝަރީއަތް އަލުން ފަށައިގެން ކުރިޔަށް ގެންގޮސް، ކުށް ސާބިތުވޭތޯ ބެލުމަށެވެ.

މުޒާހަރާތަކުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެންމެ ފަހުން މަރުގެ ހުކުމް އިއްވީ މުހައްމަދު ބޮރޮގަނީ ކިޔާ މީހަކަށެވެ. އެއީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ.

މުޒާހަރާތައް ހޫނު ކުރުމުގެ ގޮތުން އަންހެން ވެރިން އިސްތަށިގަނޑު ބުރިކޮށް ބުރުގާ ބާލައި އަންދާފައިވެ އެވެ. މި މުޒާހަރާތައް ކޮންޓްރޯލްވާނެ ކަމުގެ އުންމީދުގައި އެ ގައުމުގެ ސަރުކާރުން ވަނީ ދީނީ ކަންކަން ތަންފީޒު ކުރޭތޯ ބަލަން ފުލުހުންގެ ތެރޭގައި އުފައްދާފައި އޮންނަ ރިލިޖަސް ޕޮލިސް ޑިޕާޓްމެންޓުވެސް އުވާލާފައި އެވެ.

އެހެން ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ އީރާންގައި ބުރުގާ އެޅުމުގައި މިނިވަންކަން ދިނުމަށް ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް