އޮސްޓްރޭލިއާގައި ދެ ހެލިޕްޓަރު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހުން މަރުވެއްޖެ

އޮސްޓްރޭލިއާގައި ދެ ހެލިކޮޕްޓަރު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހުން މަރުވެއްޖެ އެވެ. މި ހާދިސާ ހިނގީ އެ ގައުމުގެ ގޯލްޑް ކޯސްޓް ސިޓީގެ ސީ ވޯލްޑް ކައިރީގައި އެވެ. މި ހާދިސާ ހިނގީ އ...

03 Jan 2023 | 03:17

އޮސްޓްރޭލިއާގައި ދެ ހެލިކޮޕްޓަރު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހުން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގީ އެ ގައުމުގެ ގޯލްޑް ކޯސްޓް ސިޓީގެ ސީ ވޯލްޑް ކައިރީގައި އެވެ. މި ހާދިސާ ހިނގީ އޭގެ ތެރެއިން އެއް ހެލިކޮޕްޓަރު ޖައްސަން އަދި އަނެއް ހެލިކޮޕްޓަރު އުދުއްސާލަން އުޅުމުގެ ތެރޭގައި އެވެ.

މަރުވި ހަތަރު މީހުން ތިބީ އުދުއްސާލަން އުޅުނު ހެލިކޮޕްޓަރުގައި އެވެ. ދެން އެ ހެލިކޮޕްޓަރުގައި ތިބި ތިން މީހުންގެ ހާލުވެސް ވަރަށް ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޖައްސަން އުޅުނު ހެލިކޮޕްޓަރުގައި ތިބި ހަ މީހުންގެ ތެރެއިން ފަސް މީހަކަށް ކުދި އަނިޔާތައް ލިބުނު ނަމަވެސް ބޮޑު ފަރުވާއެއް އެކަކަށްވެސް ދޭކަށް ނުޖެހުނެވެ.

މި ހާދިސާ ހިނގި ސީ ވޯލްޑަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މޫދުގައި ހިކިފައި އޮންނަ ވެލިގަނޑެކެވެ. އެ ސަރަހައްދުގެ ފުލުހުން ބުނީ އަވަސް ސިއްހީ ފަރުވާ ފޯރުކޮށްދޭން ދަތިވި ސަބަބު ތަކުގެ ތެރޭގައި އެ ވެލިކަނޑަށް ދަތުރުފަތުރު ކުރެވެން އޮންނަ ގޮތް ހިމެނޭ ކަމަށެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ދެ މީހަކު ހިމެނެ އެވެ.

އޮސްޓްރޭލިއާއަށް ޓޫރިޒަމްގެ ޕީކް ސީޒަން އައިސް އޮތް މި ދަނޑިވަޅުގައި ރައްކާތެރިކަމާއި ގުޅޭ މިފަދަ ހާދިސާއެއް ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އެ ގައުމުގެ ބޮޑުވަޒީރު ވަނީ އަންގަވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް