އެމްޑީޕީގެ ދަފްތަރަށް ބަދަލު ގެނެސ ވަގު ހަދައިގެން 39،000 މެމްބަރުން ޕާޓީން ވަކި ކުރިޔަސް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހާއި ނަޝީދު ވާދަ ކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ28 ވަނަ ދުވަހު އެވެ. ދުވަސް ގާތްވާވަރަކަށް ކެމްޕެއިންގެ ފޯރި ގަދަވަމުންދާއިރު ދެ ބޭފުޅުންވެސް ވަނީ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައި އެވެ.
ބޮނޑިބަތް ޕާކު ސަރަހައްދުގައި ރޭ ބޭއްވި އެއްވުމުގައި، ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދަފްތަރުންއެހާ ގިނަ މެމްބަރުން ވަކިކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެ ޕާޓީގެ މެމްބަރުން ދަފްތަރުން ވަކިކޮށް، އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމަށާއި އެއީ ހަދާފައިވާ ވަރަށް ބޮޑު "ވަގެއް" ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވި އެވެ.
ނަޝީދު ރޭ ވަގު ހެދުމުގެ މިސާލު ދެއްކެވީ2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުންނެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ސޯލިހަށް ދަންނަވަން ބޭނުން ވަނީ ވަގު ހަދައިގެން އިންތިހާބަކުން މޮޅު ވެވޭ ނަމަ އެ އިންތިހާބުުގައި ޔާމީން މޮޅުވީސް ކަމަށެވެ.
2018 ވަނަ އަހަރު ހުރިހާ ވަސީލަތަކާއި ބާރު އޮތީ ރައީސް ޔާމީން އަތުގައި ކަމަށް ވިދާޅުވި އެވެ. އަދި ސިޔާސީ ހުރިހާ ލީޑަރުން ބަންދުގައި ބައިތިއްބައިގެންވެސް ނަތީޖާ ނުކުތީ ދިމާ އިދިކޮޅަށް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުގައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރޭގައި މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވުން ހިމެނޭ ކަމަށެވެ. އެގޮތުން މާލޭގައި ވެސް ނިކަމެތި މީހުން މާ ބޮޑަށް، ނިކަމެތިވަމުންދާތަން ފެންނަ އިރު، ފަގީރުންނާއި މުއްސަނދިންގެ ފަރަގު ފެންނަން ފަށާފައިވާ ކަމަށެވެ.
އެމްޑީޕީގެ މެނިފެސްޓޯ އަބަދު ވެސް އެކުލަވާލަނީ ސިޔާސީ، އިގުތިސޯދީ އަދި އިޖުތިމާއީ ކަންކަމަށް ވިސްނުމަށްފަހުގައި ކަމަށް ވިދާޅުވި އެވެ. މި ހުރިހާ ކަމެއް ގުޅިފައިވަނީ ބޯހިޔާވަހި ކަމާއި ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް