ޕްރިމިއާ ލީގު: ބްރެންޓްފޯޑުން ލިވަޕޫލް ހަމަބިމަށް ތިރިކޮށްފި

އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗުން ބްރެންޓްފޯޑް މޮޅުވެއްޖެއެވެ. ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލުގެ މައްޗަށް ބްރެންޓްފޯޑުން ކުރިހޯދީ 1-3 ގެ ނަތީޖާއިނ...

03 Jan 2023 | 02:12

އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗުން ބްރެންޓްފޯޑް މޮޅުވެއްޖެއެވެ.

ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލުގެ މައްޗަށް ބްރެންޓްފޯޑުން ކުރިހޯދީ 1-3 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ވެސް ބްރެންޓްފޯޑުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ބްރެންޓްފޯޑުންނެވެ. އެޓީމުން މި މެޗުގެ ލީޑު ނެގީ އިބްރަހިމާ ކޮނާޓޭ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ބްރެންޓްފޯޑުން ލީޑު ނެގިއިރު، އެޓީމުގެ ފޯވާޑް ޔޫނޭ ވިސާވެސް ވަނީ މެޗުގެ 39 ވަނަ މިނެތުގައި އިތުރު ލަނޑެއް ވެސް ޖަހާފައެވެ. ނަމަވެސް މި ލަނޑު ވީއޭއާރު ބެލުމަށް ފަހު ވަނީ ކެންސަލްކޮށްފައެވެ.

ބްރެންޓްފޯޑުން މެޗުގެ ލީޑު ފުޅާކުރީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދަނިކޮށް މެޗުގެ 42 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ވެސް ޔޫނޭ ވިސާއެވެ. އޭނާ މި ލަނޑު ޖަހައިދިނީ މަތިއެއް ޖެންސެން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ދެ ލަނޑުގެ ލިޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ބްރެންޓްފޯޑުން ނިންމާލިއިރު، ފަހު ހާފުގެ ކުޅުން ފެށިގެން ތިން ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ޑާވިން ނުނޭސް ޖެހި މި ލަނޑު ވީއޭއާރު ބެލުމަށް ފަހު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. ލިވަޕޫލުން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކުރީ މެޗުގެ 50 ވަނަ މިނެޓުގައި އަލެސް އޮކްސްލޭޑް ޗެމްބަލެއިން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު އޭނާ ޖެހީ އަލެކްސެންޑަރ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ބެރެންޓްފޯޑުން އެޓީމުގެ ތިން ވަނަ ލަނޑު ޖަހާ ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 84 ވަނަ މިނެޓުގައި ބްރައިޔަން އެމްބެއުމާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ރޭގެ މި ނަތީޖާއާއި އެކު ބްރެންޓްފޯޑުން ވަނީ ތާވަލްގެ ހަތް ވަނައަށް ޖެހިލާފައެވެ. އެޓީމުން ތާވަލްގެ ހަތްވަނައަށް ޖެހިލީ ކުޅުނު 18 މެޗުން ލިބުނު 26 ޕޮއިންޓާއި އެކުގައެވެ. ބްރެންޓްފޯޑު އަތުން މި މެޗުން ބަލިވި ލިވަޕޫލް އޮތީ ކުޅުނު 17 މެޗުން ލިބުނު 28 ޕޮއިންޓާއި އެކު ތާވަލްގެ ހަވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް