އެއާ ޓެކްސީއަކުން ޖެހި ކިރުދޫނިތަކެއް މަރުވި މައްސަލައެއް ބަލަން އަންގައިފި

ނ. އަތޮޅުގެ ރިސޯޓަކުން ފުރި އެއާ ޓެކްސީއަކުން ޖެހި ކިރުދޫނިތަކެއް މަރުވި މައްސަލައެއް ބަލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އަންގައިފި އެވެ. މަރުވެފައިވާ ކިރުދޫނިތައް ފެންނަ ފޮ...

03 Jan 2022 | 17:32

ނ. އަތޮޅުގެ ރިސޯޓަކުން ފުރި އެއާ ޓެކްސީއަކުން ޖެހި ކިރުދޫނިތަކެއް މަރުވި މައްސަލައެއް ބަލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އަންގައިފި އެވެ.

މަރުވެފައިވާ ކިރުދޫނިތައް ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ. އެ ފޮޓޯތަކުން ފެންނަނީ ދޮންވެލިގަނޑެއްގެ މަތީގައި މަރުވެފައިވާ ދޫނިތައް ފުންޏަކަށް ޖަހާފައި ހުރިތަނެވެ.

އެ ފޮޓޯތައް ހިއްސާ ކުރި މީހާ ބުނެފައިވަނީ އެއާ ޓެކްސީ ކޮންމެ ދުވަހަކު ދަތުރު ކުރަނީ އެ ތުނޑިމަތިން ކަމަށެވެ. އަދި އެ ދަތުރުތައް ކޮންމެ ދުވަހަކު ކުރަނީ ކިރު ދޫނިތައް ތުނޑީގައި އުޅޭކަން އެނގިތިބެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތުނޑިއަކީ އެއާ ޓެކްސީ ޖައްސާ ރިސޯޓުގެ ތުނޑިއެވެ.

https://twitter.com/iamMujey/status/1477964963444498432

މި މައްސަލައިގަ އީޕީއޭއިން މީޑިއާގައި އަދި އެއްޗެއް ނުބުނެ އެވެ. އެކަމަކު ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ އިދާރާގެ ޓީމެއް ވަނީ މިހާރު ހާދިސާ ހިނދި ތަނަށް ގޮސްފަ އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން މީޑިއާގައި ބުނީ އެއާ ޓެކްސީން ޖެހި ކިރުދޫނިތަކެއް މަރުވި މައްސަލަ އެ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ބެލުމަށް އީޕީއޭއަށް އަންގާފައިވާނެ ކަމަށެވެ.

ކިރުދޫންޏަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދޫންޏެކެވެ.

ހިމާޔަތްކޮށްފައި ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން، ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗަކަށް ގޯނާ ކޮށްފި ނަމަ 30،000 ރުފިޔާ އާއި 50،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް