ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ނ. މާޅެންދޫގައި މަސްކަނޑާ ތަނެއް ތަރައްޤީކޮށްފިއެވެ.
މާޅެންދޫ މަސްކަނޑާތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މަސްކެނޑުމުގެ މުބާރާތެއް ބާއްވާފައެވެ.
މާޅެންދޫގައި ޤާއިމްކުރެވުނު މަސްކަނޑާ ތަން ތަރައްޤީކޮށްފައި ވަނީ ސޮސައިޓީ ފޯ ލީޑާސް އިނިޝިއޭޓް ޑިވެލޮޕްމަންޓްގެ (އެސްއެލްއައިޑީ) ފަރާތުންނެވެ. އަދި އެތަނުގައި އެއްފަހަރާ 8 މީހުންނަށް މަސްކަނޑަން ތިބެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ސާފު ރީތި ފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އެތަން ފަރުމާކޮށްފައިވާއިރު ތަކެތި ރައްކާކުރެވޭނެ ގުދަނެއްވެސް އެތަނުގައި ހަދާފައިވެ އެވެ.
މީގެ އިތުރުން، މެސްކެނޑުމަށްފަހު އުކާލެވޭ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި ތަން ފަސޭހައިން ސާފުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
އެސްއެލްއައިޑީގެ އޮފިޝަލަކު ވިދާޅުވީ އެއީ މާޅެންދޫގެ މަސްވެރިންނަށާއި އެހެނިހެން ރަށްރަށުން އެ ރަށަށް އަންނަ މަސްވެރިންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރި މުހިއްމު މަސައްކަތެއް ކަމަށެވެ.
މިހާތަނަށް މަސްކަނޑަމުން އައީ ޖެޓީ މަތީގައި ކަމަށާއި މި ގާއިމުކުރެވުނު މަސްކަނޑާތަނުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ފަރާތުން އުއްމީދުކުރެއެވެ. އަދި ބީއެމްއެލް އިން އެ ޕްރޮޖެކްޓަށް ދީފައިވާ މާލީ އެހީ ތެރިކަން ފާހަގަކޮށް އެސްއެލްއައިޑީގެ އޮފިޝަލު ވަނީ އެ ބޭންކަށް ޝުކުރު އަދާ ކޮށްފައި ވެއެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ އެހީގައި މާޅެންދޫގައި ޤާއިމްކުރެވުނު މަސްކަނޑާ ތަން އެ ރަށު ރައްޔިތުން ބޭނުން ކުރަމުން އަންނަ ކަމުގައި ބީއެމްއެލް އިން ހާމަކުރެއެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް