ނިލަންދޫ ކްލަބް ޖަމިއްޔާތަކުން އިސްނަގައިގެން ނިލަންދޫގައި ހޭންޑްބޯލް ކޯޗިންގ ކޭމްޕެއް ފަށައިފިއެވެ.
ޖެނުއަރީ 2 އިން 8 އަށް ކުރިއަށްގެންދާ މިކޭމްޕަކީ ކަނބަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޭމްޕެއް ނަމަވެސް 2 ޖިންސަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކޭމްޕެކެވެ.
ސްޕަރ ޖެނެރޭޝަން ކްލަބް (އެސް.ޖީ.ސީ)ގެ އިސްނެގުމާއެކު ޝަބާބުއާއި ނިލަންދޫ ސްޕޯރޓްސްކްލަބް ގުޅިގެން ކުރިޔަށް ގެންދާ ކޭމްޕް ފެށުމުގެ ރަސްމިއްޔާތު އޮތީ ދެވަނަ ދުވަހުގެރޭ ނިލަންދޫ ފުޓްސަލް ދަނޑުގައެވެ. ފެށުމުގެ ގޮތުން ބޭއްވި ކުޑަކުޑަ ރަސްމިއްޔާތުގައި 3 ޖަމްޢިއްޔާގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަށް ބައިވެރިވިއެވެ.
ރަސްމިއްޔާތު ފެށުމުގެ ގޮތުން އެސް.ޖީ.ސީގެ ޖެނެރަލް ސެކްރެޓަރީ ޝުޢައިބް އިސްމާޢީލް ދެއްކެވި ވާހަކައިގައި ރަށުގެ ޖަމްޢިއްޔާތައް މިތިބީ ރަށުގެ ކުދިބޮޑު އަދި މިކަންކަމަށް ޝައުޤުވެރިކަން ހުރި އެންމެނަށް މިފަދަ ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް އަތާއަތްގުޅާލައިގެން ކަމަށް ވިދާޅުވެ މިހެން ލިބޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ ކުޅިވަރުން އަތޮޅާއި ޤައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ދަރިންތަކެއް ނިލަންދޫގައި އަބަދުވެސް ތިބުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ހިތްވަރު ދެއްވިއެވެ.
ޝުޢައިބުގެ ވާހަކައަށްފަހު ޝަބާބުގެ އެ.ސް.ޖީ މަޒުލް މަޖީދު ކޭމްޕްގެ ބައިވެރިންނާއި މުޚާޠަބުކޮށް ދެއްކެވި ވާހަކައިގައި މިއަހަރު ތެރޭގައި މިފަދަ އިތުރު ފުރުޞަތުތައް ކަނބަލުންނަށް ޚާއްޞަކޮށްގެން ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް އިޢުލާނުކުރުމުގެ އިތުރުން ނިލަންދޫގައި ކުޅިވަރު މުބާރާތްތަށް ބާއްވަމުންދާ "ރަށްވެހި ގްރޫޕްގެ" ފަރާތުން ފުރަތަމަ ފަހަރަށް ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ ކުޅިވަރު މުބާރާތްތަށް މިއަހަރު ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މަޖީދުގެ ވާހަކައިގައި ކޭމްޕުގެ ބައިވެރިން މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށްގެން މިފަދަ ކޭމްޕްތަކުގައި ޒުވާން ކުޅުންތެރިން ބައިވެރިކޮށް އެކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް ބާރުއެޅުމަށްވެސް ބައިވެރިންގެ އަރިހުން އެދުނެވެ.
ފަނަރަ ބައިވެރިންނާއެކު ފެށުނު ކޭމްޕަގައި ކިޔަވައި ދެއްވާނީ ހޭންޑްބޯލްދެ ކޯޗުން ކަމަށްވާ މަމްދޫހު ޚަލީލުއާއި ލައްމާހުއެވެ.
ނިލަންދޫއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ގިނަމުބާރާތްތަކެއް ބާއްވަމުން އަންނަ ރަށެކެވެ. އެގޮތުން މިހާރުވެސް އެމް.ޓީ.ސީ.ސީ ރަށްވެހި ޗެލެންޖް ނަމުގައި ފުޓްބޯޅަ މުބާރާތެއް ފެށިގެން ކުރިއަށްދާއިރު، ފާއިތުވި އަހަރު އޮކްޓޯބަރ މަހާއި ނޮވެމްބަރ މަހު ވަނީ ދެޖިންސަށް އަމާޒުކޮށްގެން ވޮލީބޯޅަ މުބާރާތްތަކެއް ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް