އިންޑިއާގައި 15 އަހަރުން މަތީ ކުދިންނަށް ކޯވިޑް ވެކްސިން ދޭން ފަށައިފި

އަވައްޓެރި އިންޑިއާގައި އުމުރުން 15-18 އަހަރާއި ދެމެދުގެ ކުދިންނަށް ކޯވިޑް ވެކްސިން ދޭން ފަށައިފި އެވެ. އިއްޔެއިން ފެށިގެން ވެކްސިން ދޭން ފަށާފައިވާއިރު އެ އުމުރުފުރާގެ ކުދިންނަށް ދެނީ އިންޑިއާގެ އުފެ...

03 Jan 2022 | 05:22

އަވައްޓެރި އިންޑިއާގައި އުމުރުން 15-18 އަހަރާއި ދެމެދުގެ ކުދިންނަށް ކޯވިޑް ވެކްސިން ދޭން ފަށައިފި އެވެ.

އިއްޔެއިން ފެށިގެން ވެކްސިން ދޭން ފަށާފައިވާއިރު އެ އުމުރުފުރާގެ ކުދިންނަށް ދެނީ އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ކޮވެކްސިންނެވެ. އޮންލައިންކޮށް ރެޖިސްޓްރީ ކުރެވޭގޮތަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި އިއްޔެގެ ނިޔަލަށް ހަ ލައްކައަށްވުރެ ގިނަ ކުދިން ރެޖިސްޓްރީކޮށްފައިވެ އެވެ.

ވެކްސިން ސެންޓަރުތަކަށް ގޮސްގެން ރެޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީން ވަނީ މި އުމުރު ފުރާގެ ކުދިންނަށް ހާއްސަ ވެކްސިން ސެންޓަރުތަކެއް ސިޓީތަކުގައި ގާއިމް ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ވެކްސިން ކިއުތަކާއި ކުޑަކުދިންނަށް ހާއްސަ އިންތިޒާމް ހަމަޖައްސަން އިލްތިމާސް ކުރަނީ އެހެން ބްރޭންޑެއްގެ ވެކްސިނެއް ޖެހުން ފަދަ ހާދިސާއެއް ދިމާނުވާނެ ގޮތެއް ހެދުމަށް ކަމަށް ބުނެފައިވެ އެވެ.

ވެރިރަށް ދިއްލީގައި އިއްޔެ 159 ސެންޓަރެއް ކުޑަކުދިންނަށް ހާއްސަކޮށް ވެކްސިން ދިނުމަށް ހުޅުވާފައިވެ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ފާމަސީތަކުގެ އިތުރުން ސްކޫލްތަކާއި ޕޮލިކްލިނިކްތައް ހިމެނެ އެވެ.

އިންޑިއާއިން މިހާރު ދަނީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުމަށް ތައްޔާރުވަމުންނެވެ. އެ ހުއްދަ ދި ޑްރަގް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިއާއިން ދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

އެ އުމުރު ފުރާއަށްވެސް ދޭން ހުއްދަ ދީފައިވަނި ކޮވެކްސިން އެވެ.

އިންޑިއާގައި އުމުރުން 12 އަހަރުން މަތީގެ ހުރިހާ ކުދިންނަށް ވެކްސިން ދޭން ފަށަން ނިންމައި އެކަން އިއުލާނު ކުރީ ކޯވިޑްގެ އާ ވޭރިއަންޓު ހަލުވިކަމާއި އެކު ފެތުރުދާނެ ކަމުގެ ބިރު އޮތުމުންނެވެ.

މީގެ އިތުރުން ކޯވިޑްގެ ތިން ވަނަ ޑޯޒުވެސް އޮމިކްރޯން ވޭރިއަންޓާއި ގުޅިގެން ދޭން ފަށަން ވަނީ ނިންމާފައި އެވެ. ތިން ވަނަ ޑޯޒު އިންޑިއާގައި ޖަހަން ފަށާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް