މާލޭގެ ފިހާރައަކަށް ވަދެ، ވައްކަން ކޮށް ވަޅިއަކުން ބިރު ދައްކައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ދެމަފިރިޔަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައި ވަނީ 28އ ފިރިހެނަކާއި 31އ އަންހެނެކެވެ.
މިދެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށްޓަކައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުގެ ބަންދުގެ މަޖިލީހުގައި ފިރިހެން މީހާ ވަނީ ކޮފީޕެކެޓެއް ވަގަށް ނެގި ކަމަށް އިއުތިރާފްވެފައެވެ. އަދި އޭނާ އެކަން ކޮށްފައި ވަނީ ކޮފީޕެކެޓް ވިއްކައިގެން ލިބޭ ލާރިން ބަނޑުފުރާނަ މުއްތި ކުރުމަށް ކަމުގައި ބުނެފައި ވެއެވެ.
ފުލުހުން ވިދާޅުވީ ވައްކަން ކުރި ފިރިހެންމީހާ ފިހާރައިގައި މަސައްކަތް ކުރާ ބިދޭސީ މީހާ އަށް ވަޅިއަކުން ބިރު ދައްކާ ހަމަނުޖެހުން ހިންގާފައިވާ ކަމުގައެވެ.
އަދި އަންހެންމީހާ ވެސް އޭނާގެ ފިރިމީހާ އާއި ބައިވެރިވެ، ބިދޭސީ މީހާގެ ގަމީހުގައި ހިފައި ދަމާފައިވާ ކަމުގައި ފުލުހުން ހާމަކުރެއެވެ.
މި މައްސަލައިގައި ފިރިހެންމީހާ ކޯޓުގައި ބުނެފައި ވަނީ އަމިއްލަ ނަފްސު ދިފާޢު ކުރުމުގެ ގޮތުން އޭނާ ބިދޭސީ މީހާގެ ގައިގައި އަތްލާފައިވާ ކަމުގައެވެ. އަދި އަންހެން މީހާ ވެސް ބުނެފައި ވަނީ އޭނާގެ ފިރިމީހާ އަށް އަނިޔާ ކުރާކަމަށް ބެލެވިގެން ބިދޭސީ މީހާގެ ގަމީހުގައި ހިފައި ދަމާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ދެމަފިރިން ވަނީ ބަލަންޖެހޭ ފަސް މަހުގެ ދަރިއަކާއި، ހަތް އަހަރުގެ ދަރިއެއް ހުންނަ ކަމުގައި ބުނެ ބަންދުން ދޫކޮށްދިނުމަށް އެދިފައެވެ.
ނަމަވެސް ގާޒީ ދީބަނާޒް ފަހުމީ އެއްސެވި ސުވާލަކަށް ޖަވާބުދެމުން އެ މީހުން ވަނީ ދަރިން ބަލަަނީ އާއިލާ އިން ކަމުގައި އިއުތިރާފު ވެފައެވެ. އަންހެންމީހާ އިއުތިރާފް ވެފައިވާ ގޮތުން އޭނާ އަކީ ޑްރަގް ބޭނުން ކުރާ މީހެކެވެ. އަދި ފިރިހެންމީހާގެ 40 ހައްޔަރާއި ބަންދު ލޮގު އެބަހުރިކަމަށް ކޯޓު އަމުރުގައި ވެއެވެ.
ކުށުގެ ރެކޯޑު ގިނަ ކަމާއިއެކު، ވަޅިން ބިރުދައްކައި ފޭރިފައިވާތީވެ، ފުލުހުން ވަނީ އެ ދެމީހުން ބަންދުން ދޫކޮށްލުމަށް އިއުތިރާޒު ވެފައެވެ.
އެހެންކަމުން، މި ކަންކަަމަށް ރިއާޔަތް ކުރައްވާ ގާޒީ ދީބަނާޒު ނިންމެވީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ޖެހުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް