ސްޕެނިޝް ލީގު: ރެއާލް ބަލިވިއިރު، ބާސާ މޮޅުވެ ތާވަލްގެ ފަސްވަނައަށް

ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑް ގެޓަފޭ އަތުން ބަލިވި އިރު، ބާސެލޯނާ މަލޯކާ އަތުން މޮޅުވެ ލީގު ތާވަލްގެ ފަސް ވަނައަށް ޖެހިލައިފިއެވެ. ރެއާލް ގެޓަފޭ އަތުން ބަލިވީ ރަށ...

03 Jan 2022 | 02:27

ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑް ގެޓަފޭ އަތުން ބަލިވި އިރު، ބާސެލޯނާ މަލޯކާ އަތުން މޮޅުވެ ލީގު ތާވަލްގެ ފަސް ވަނައަށް ޖެހިލައިފިއެވެ.

ރެއާލް ގެޓަފޭ އަތުން ބަލިވީ ރަށުން ބޭރުގައި ގެޓަފޭއާއި ދެކޮޅަށް ކުޅުނު މެޗުން 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފެށިގެން ވަރަށް ކުރީ ކޮޅު ގެޓަފޭއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 9 ވަނަ މިނެޓުގައި ގެޓަފޭއިން ލަނޑު ޖަހާ ލީޑު ނެގިއިރު، އެޓީމަށް މި ލަނޑު ކާމިޔާބު ކޮށްދިނީ އެނިސް އުނާލްއެވެ.

މި ލަނޑަށް ފަހު ރެއާލް އިން ކުޅުން ރަނގަޅު ކުރިއިރު، މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ގިނަ ހަމާލަތައް އުފެއްދީ ރެއާލުންނެވެ. ނަމަވެސް މި ހަމަލާތައް ގެޓަފޭގެ ގޯލު ދާގަނޑުގެ ތެރެއަށް ފޮނުވާލުމަށް އެޓީމުގެ ކުޅުންތެރިން ވަނީ ނުކުޅެދިފައެވެ.

ރޭގެ މި ނަތީޖާއާއި އެކު ވެސް ރެއާލް އޮތީ ތާވަލްގެ އެއް ވަނާގައެވެ. ރެއާލް ތާވަލްގެ އެއްވަނާގައި އޮތީ ކުޅުނު 20 މެޗުން ލިބުނު 46 ޕޮއިންޓާއި އެކުގައެވެ.

ރޭ ރަށުން ބޭރުގައި މަލޯކާއާއި ދެކޮޅަށް ކުޅެ ބާސެލޯނާ މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގައި ބާސާއިން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، އެޓީމުން މެޗުގެ ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން އެންމެ މިނެޓަކަށް ވެފައި ވަނިކޮށެވެ. މެޗުގެ 44 ވަނަ މިނެޓުގައި ބާސާއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ އޮސްކާގެ އެހީތެރިކަމާއި އެކު ލޫކް ޑިޔޮން އެވެ.

ރޭގެ މި ނަތީޖާއާއި އެކު ބާސާ ވަނީ ލީގު ތާވަލްގެ ފަސްވަނައަށް ޖެހިލާފައެވެ. އެޓީމު ފަސްވަނާގައި އޮތީ ކުޅުނު 19 މެޗުން ލިބުނު 31 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް