ޕްރިމިއާ ލީގު؛ ލިވަޕޫލާއި ޗެލްސީގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ޗެލްސީ އަދި ލިވަޕޫޕް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަ...

03 Jan 2022 | 01:54

އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ޗެލްސީ އަދި ލިވަޕޫޕް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ލިވަޕޫލުން ނުކުތީ ކޮވިޑް އަށް ފައްސިވެ އެކަހެރި ކުރެވިފައިވާ އެ ޓީމުގެ ހެޑް ކޯޗު ޔާގެން ކްލޮޕާ ނުލައެވެ. އެހެން ކަމުން ރޭގެ މެޗުގައި ލިވަޕޫލަށް އިރުޝާދު ދީފައިވަނީ އެޓީމުހެ އެސިސްޓެންޓް ކޯޗެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުން ވެސް ކުޅެމުން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ ލިވަޕޫލުންނެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންޑަރު ޓްރެވޯ ޗަލޮބާ ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސާޑިއޯ މާނޭއެވެ. އަދި މެޗުގެ 26 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ.

ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެގޮތުން މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މަޓެއޯ ކޮވަސިޗްއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޕުލިސިޗެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެ ޓީމު އެއްވަރެއްގައި އޮވެގެންނެވެ. ފަހުހާފަށް ކުޅެން އަރާ ދެޓީމުން ވެސް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ނަތީޖާއަށް އެއްވެސް ބަދަލެއް ގެނެވޭ ގޮތް ވަނީ ނުވެފައެވެ.

ރޭގެ މި ނަތީޖާއާއި އެކު ޗެލްސީ ތާވަލްގެ ދެވަނާގައި އޮތީ 21 މެޗުން ލިބުނު 43 ޕޮއިންޓާއި އެކުގައެވެ. އަދި ލިވަޕޫލް އޮތީ ކުޅުނު 20 މެޗުން ލިބުނު 42 ޕޮއިންޓާއި އެކު ތިން ވަނާގައެވެ. އެއް ވަނާގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 53 ޕޮއިންޓާއެކު ސިޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް