އެމްޓީސީސީ އަކީ ދިވެހި މަސައްކަތްތެރިންނަށް މަރުހަބާކިޔާ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެ ކުންފުނިން މިއަދު އިފްތިތާހު ކުރި "ހުނަވަރު" ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު މީޑިއާ އަށް ދެއްވަމުން ނެވެ.
އާޒިމް ވިދާޅުވީ މި ޕްރޮގްރާމުގައި 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި މިކަމަށް ކޮލިފިކޭޝަނެއް ބޭނުން ނުވާ ކަމަށެވެ.
"ސްކޫލުގަ ރަނގަޅަށް ނުކިޔެވި ހުރި ކުއްޖަކަށް ވިޔަސް، މިއަދު ހުޅުވިގެން މިދަނީ އަލުން އާ ހަޔާތެއް ފެށުމުގެ ދޮރެއް. މި ޕްރޮގްރާމުން ރަނގަޅަށް ދަސްވާ ކުދިންނަށް 20،000 ރުފިޔާއާ ހަމައަށް މުސާރަ އެބަ ލިބޭ ޕްރޮމޯޓު ވަމުން ގޮސް. އެންމެ މަދުވެގެން 12،000 ރުފިޔާގެ މުސާރައެއް ލިބޭނެ." ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ހުޅުވާލި ފުރުސަތާ ގުޅޭ ގޮތުން އާޒިމް ވިދާޅުވި އެވެ.
ޚާއްސަކޮށް ހެވީ ވެހިކަލް ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި މި ފުރުސަތާ ގުޅޭ ގޮތުން އާޒިމް ވިދާޅުވީ މިއީ އެފަދަ ކުދިންނަށް ވޮކެޝަނަލް ޓްރެއިނިންގ ގެ ތެރެއިން އަދި އެމްޓީސީސީ ފަދަ ރަނގަޅު ކުންފުންޏެއްގެ ތެރެއިން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
"އެކުދިން ރަނގަޅަށް މަސައްކަތް ކުރާނަމަ، އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ. އެމްޓީސީސީ އަކީ ދިވެހި މަސައްކަތްތެރިންނަށް މަރުހަބާކިޔާ ކުންފުންޏެއް. އުއްމީދު ކުރަނީ ވީހާވެސް ގިނަ ކުދިން ބައިވެރިވުން." އާޒިމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް