މާޒިޔާގެ ކޯޗުގެ މަގާމަށް ރިސްޓޯ ހަމަޖައްސައިފި

މާޒިޔާގެ ކޯޗުގެ މަގާމަށް ރިސްޓޯ ވިޑަކޮވިޗް ހަމަޖައްސައިފި އެވެ. ޔޫރަޕާއި އޭޝިއާގެ ތަޖުރިބާ ވެސް ހުރި ކޯޗު ރިސްޓޯ އަކީ ސާބިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފައިވާ ފަރާތެކެވެ. އަދި އޭނާ ވ...

03 Jan 2021 | 12:26

މާޒިޔާގެ ކޯޗުގެ މަގާމަށް ރިސްޓޯ ވިޑަކޮވިޗް ހަމަޖައްސައިފި އެވެ.

ޔޫރަޕާއި އޭޝިއާގެ ތަޖުރިބާ ވެސް ހުރި ކޯޗު ރިސްޓޯ އަކީ ސާބިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފައިވާ ފަރާތެކެވެ. އަދި އޭނާ ވަނީ ސްޕެނިޝް ލަލީގާގައި ކުޅެމުންދާ ކާޑިޒްގެ ކޯޗުކަން 2010 ވަނަ އަހަރު ކޮށްފައެވެ.

އޭގެ ފަހުން ސްޕެއިންގެ އެކި ޑިވިޜަންތަކުގައި ކޯޗުކަން ކުރުމަށްފަހު 2016 ވަނަ އަހަރުން ފެށިގެން އޭނާ ކޯޗުކަން ކޮށްދިނީ ފިލިޕީންސްގެ ޗެމްޕިއަން ސެރެސް އަށެވެ.

އެކުލަބާއެކު ޖެހިޖެހިގެން ތިން ފަހަރަށް ފިލިޕީންސް ލީގު ނަގައި، އޭނާ ވަނީ އޭއެފްސީ ކަޕުގައިވެސް ތަފާތު ދައްކައިފައެވެ. އަދި 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ސެރެސްއިން މެލޭޝިއާގެ ވަރުގަދަ ޖޮހޯރް ބަލިކޮށް އާސިއާން ޒޯންގެ ޗެމްޕިއަންކަން ހޯދާފައިވާ އިރު، އެފަހަރު އިންޓަރ ޒޯން ސެމީ ފައިނަލުން ސެރެސް ބަލިވީ ތަޖިކިސްތާންގެ އިސްތިގްލާލް އަތުންނެވެ.

ޖެހިގެން އައި އަހަރު އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުގައި ސެރެސް ގޮވައިގެން ވިޑަކޮވިޗް ނުކުމެ، އެ ކްލަބުގެ ތާރީޚުގައި އޭއެފްސީ ޗެމްޕިއަންސް ލީގުގައި ނުކުތް ފުރަތަމަ ފަހަރުގެ ގޮތުގައި ވަނީ ހިމެނިފަ އެވެ. ކޮލިފައިން ފުރަތަމަ ބުރުގައި އޮސްޓްރޭލިއާގެ ބްރިސްބޭން ރޯ އަތުން މޮޅުވި ނަމަވެސް ދެވަނަ ބުރުގައި ޗައިނާގެ ޓިއާންޖިން އަތުން ބަލިވެ، އެޓީމު ވަނީ ކަޓާފަ އެވެ.

ރިސްޓޯ ކުޅުންތެރިއެއްގެ ގޮތުގައި ޔޫގޯސްލާވިއާގެ ގައުމީ ޓީމަށާއި ސްޕެނިޝް ލަލީގާގެ ރެއާލް ބެޓިސްއަށް ގިނަ މެޗުތަކެއް ވެސް އޭނާ ވަނީ ކުޅެފަ އެވެ. އަދި އޮސަސޫނާއާއި ސާބިއާގެ ކްލަބުތަކަށް ވެސް ވަނީ ކުޅެފަ އެވެ.

އޭޝިއާގެ ތަޖުރިބާ ބޮޑު ކޯޗަކާއެކު މާޒިޔާއިން ސީޒަނަށް ނުކުންނަ އިރު، އެޓީމުން ޓާގެޓް ހިފާފައިވަނީ ޑޮމެސްޓިކް ހުރިހާ ތައްޓެއް ކާމިޔާބު ކުރުމަށެވެ.

މާޒިޔާއިން އެންމެފަހުން ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު އޭރު ކޯޗުގެ މަގާމުގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) އެ މަގާމުން ދުރަށް ޖެހިލިއެވެ. ވަގުތީ ގޮތުން ކޯޗުކަން ހަވާލު ކޮށްފައިވަނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ)އާއެވެ. މިރޭ ދަ ގްރާންޑޭއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް އިރުޝާދު ދޭނީ ކޮއްކޮއެވެ.

އޭއެފްސީ ކަޕްގައި ނަތީޖާ ރަނގަޅު ކުރުމަށް މަސައްކަތް ކުރާ މާޒިޔާގެ ކޯޗަކަށް މިދިޔަ ސީޒަނުގައިވެސް ހުރީ ބިދޭސީ ކޯޗެކެވެ. އެ ކްލަބުގައި ދެފަހަރެއްގެ މަތިން ކާމިޔާބު މަސައްކަތްތަކެއް ކުރި މަރުޖާން ސެކުލޮވްސްކީ މިދިޔަ ސީޒަނަށްފަހު ޓީމުން ދިޔައީ އެއްބަސްވުން ހަމަވެގެންނެވެ. ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކްލަބު މާޒިޔާއިން މިދިޔަ ސީޒަނަށްފަހު ނިޒާމްބެއާއެކު ޕްރީ ސީޒަނުގައިވެސް މަސައްކަތްތަކެއް ކުރި އިރު، ނިޒާމްބެ އިސްތިއުފާ ދިނީ ކުރެވުނު މަސައްކަތުން ނަތީޖާ ނުނެރެވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް