ދިވެހިންނަށް އަމާޒުކޮށްގެން އެމްޓީސީސީން ހުނަވަރު ޕްރޮގްރާމް އިފްތިތާޙުކޮށްފި

ދިވެހިންނަށް އަމާޒުކޮށްގެން އެމްޓީސީސީން ހުނަވަރު ޕްރޮގްރާމް އިފްތިތާޙުކޮށްފި އެވެ. މިކަމަށްޓަކައި އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒ...

03 Jan 2021 | 10:15

ދިވެހިންނަށް އަމާޒުކޮށްގެން އެމްޓީސީސީން ހުނަވަރު ޕްރޮގްރާމް އިފްތިތާޙުކޮށްފި އެވެ.

މިކަމަށްޓަކައި އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ބޮޑަށް އިސްކަންދެނީ ހެވީ ވެޖިކަލް ދުއްވާ ދިވެހިން އުފައްދަން ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ގޮސްގެން މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ނިޒާމު ހަމަޖެއްސުމަށް ވެސް ވިސްނާ ކަމަށާއި އެގޮތުން މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ފުވައްމުލައްސިޓީއަށް އަދި 11 ވަނަ ދުވަހު އައްޑުސިޓީއަށް އެ ކުންފުނީގެ ޓީމުތައް ދިއުމަށް ނިންމާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މަގުސަދަކީ މި ޕްރޮގްރާމުގެ ތެރެއިން ވީހާވެސް ގިނަ ދިވެހިންނަށް މި ފުރުސަތު ހުޅުވައިދިނުން ކަމަށެވެ.

"މިހާރުވެސް މި ކުންފުނީގަ 130 ބިދޭސީން އެބައުޅޭ މި މަސައްކަތް ކުރާ. މިއީ ވަރަށް ރަނގަޅު އާމްދަނީއެއް ވެސް ލިބޭ މަސައްކަތްތަކެއް. އެކަމަކު ގިނަ ބަޔަކަށް މިކަން އެނގިފައެއް ނޯވޭ. އަދި މިއީ ވަރަށް ފަސޭހައިން ދަސް ކުރެވޭނެ މަސައްކަތެއް." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ފުވައްމުލަކާއި އައްޑުސިޓީއަށް ފަހު، ކުޅުދުއްފުށި ސިޓީ އަދި މާލެ ސިޓީގައި ވެސް މި ޕްރޮގްރާމު ވަރަށް އަވަހަށް ހިންގާނެ ކަމަށާއި މިއީ 3 މަސް ދުވަހުގެ ޕްރޮގްރާމެއް ކަަމަށެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން މަސައްކަތް ކިރާނީ އެ ކުންފުނީގެ ސައިޓުތަކުގައި ކަމަށާއި މި މަސައްކަތް ކުރަމުންދާ އިރު، ކޮންމެ މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މިއީ އެންކަރޭޖު ކުރުމުގެ ގޮތުން ދޭ އެލަވަންސެއް. އަޅުގަނޑުމެން ބެލީ އާދައިގެ ވަޒީފާއެއްގައި ހުންނަ ކުއްޖާއަށް ވެސް ލިބޭ ވަރުގެ އެލަވަންސެއް ދިނުމަށް. އެކުދިން ކިޔަވަމުންދާނީ ޕްރެކްޓިކަލް އެކްސްޕީރިއަންސާއެކީ. އެޓެންޑެންސް ބަލަހައްޓަމުންދާނީ. އަޅުގަނޑުމެން އުއްމީދުކުރަން 100 ޕަސެންޓު އެޓެންޑެންސް ހަމަކުރަން." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ބޭނުންވަނީ ވީހާވެސް މުރާލި ކުދިން ވަޒީފާއަށް ނެރެން ކަމަށާއި އެންމެ ރަނގަޅު ކުއްޖާއަށް ވަަޒީފާ ވެސް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މިއިން ފާސްކުދިންގެ ތެރެއިން 50 ކުދިންނަށް މިވަގުތުވެސް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް