ކޯވިޑް-19ގެ އާ ވޭރިއެންޓާއި ގުޅިގެން ސައުދީ އަރަބިއްޔާގެ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް ބަންދު ކުރިތާ ދެ ހަފްތާ ފަހުން އަލުން ހުޅުވައިފި އެވެ.
އިނގިރޭސިވިލާތުން ފެނުނު ކޯވިޑްގެ އާ ވޭރިއެންޓާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުދީގެ ބޯޑަރުތައް ބަންދު ކުރީ މިދިޔަ މަހުގެ21 ވަނަ ދުވަހު އެވެ. ބޯޑަރުތައް އަލުން ހުޅުވީ އިއްޔެ އެވެ.
ބޯދަރުތައް ހުޅުވާލި ނަމަވެސް ސައުދީން ވަނީ އެ ގައުމަށް ދަތުރުކުރުމުގައި ކުރިން ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް ވަރުގަދަ ކޮށްފައި އެވެ.
އަލަށް އެޅި ފިޔަވަޅުތަކާއި އެކު އާ ވޭރިއެންޓް ފެނިފައިވާ ގައުމަކުން ސައުދީއަށް ދަތުރު ކުރާ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ސައުދީއަށް އެތެރެވޭނީ އެހެން ގައުމެއްގައި14 ދުވަހު ކަރަންޓީންވުމަށް ފަހު އެވެ. އާ ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގެ ތެރޭން ގައުމެއްގެ މީހަކު ކުއްލި ކަމެއްގައި ސައުދީ އަށް ދާން ޖެހިއްޖެ ނަމަ ގޭގައި 14 ދުވަހަށް ކަރަންޓީން ވާން ޖެހެ އެވެ.
މީގެ އިތުރުން ކަރަންޓީންގެ މުއްދަތުގައި ދެ ޕީސީއާރު ޓެސްޓު ހެދުން ވަނީ މަޖުބޫރުކޮށްފައި އެވެ.
އާ ވޭރިއަންޓް ފެނިފައި ނުވާ ގައުމަކުން ސައުދީ އަށް ދަތުރުކުރާ މީހެއް ނަމަ ގޭގައި ހަތް ދުވަހަށް އައިސޮލޭޓްވާން ޖެހެ އެވެ. ނުވަތަ ތިން ދުވަހަށް ގޭގައި އައިސޮލޭޓް ވުމަށް ފަހު ޕީސީއާރް ޓެސްޓް ހަދަން ޖެހެ އެވެ.
އާ ވައިރަހާއި ގުޅިގެން ސައުދީގައި ފިޔަވަޅުތައް ވަރުގަދަ ކުރި އިރު ކޯވިޑް-19 އެ ގައުމުގައި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި އެވެ. އަދި ސައުދީ އަރަބިއާގައި މިހާޜު ވަނީ ކޮރޯނާވައިރަހުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް