ފުޑް ކޯޓުގެ 13 ގޮޅިއެއް ބީލަމަށް ހުޅުވާލައިފި

މާލޭގެ ހުޅަނގު ދެކުނުގައި ތަރައްގީ ކޮށްފައިވާ ފުޑް ކޯޓުގެ 13 ގޮޅިއެއް ބީލަމަށް ހުޅުވާލައިފި އެވެ. އެސްޓީއޯ އިން ތަރައްގީކޮށްފައި މި ފުޑް ކޯޓުތައް ބީލަމަށް ހުޅުވާލާފައިވަނީ އެ ކުންފުނިން ނެރެފައިވާ އިޢ...

03 Jan 2021 | 08:20

މާލޭގެ ހުޅަނގު ދެކުނުގައި ތަރައްގީ ކޮށްފައިވާ ފުޑް ކޯޓުގެ 13 ގޮޅިއެއް ބީލަމަށް ހުޅުވާލައިފި އެވެ.

އެސްޓީއޯ އިން ތަރައްގީކޮށްފައި މި ފުޑް ކޯޓުތައް ބީލަމަށް ހުޅުވާލާފައިވަނީ އެ ކުންފުނިން ނެރެފައިވާ އިޢުލާނެއްގަ އެވެ.

އެ އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމާއި ހަމައަށް ގޮޅިތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި މި މަހުގެ 7 ވަނަ ދުވަހު، ގޮޅިތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގޮޅިތަކުގެ ކުލި ކުޑަކުރެވިފައިވާ ކަމަށާއި ކުރިން ނަގަމުން އައި ތިން މަހުގެ ސެކިއުރިޓީ ޑިޕޮސިޓްވެސް މިހާރު ދެ މަހަށް ކުޑަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ކުރިން ނަގާ އެއްލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީ ވެސް މިހާރު ނުނަގާނެ ކަމަށާއި ކުރިން ނަގާ އެޑްވާންސް ކުއްޔާއި ކުރިން ބިޑު ކުރާއިރު ހުށަހަޅަންޖެހޭ ބިޒްނަސް ޕްރޮޕޯސަލް ވެސް މިހާރު ބޭނުން ނުވާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފަ އެވެ.

އެސްޓީއޯ އިން ގޮޅިތަކުގެ ބޭސް ރޭޓު އާންމުކޮށްފައި ވާއިރު، ބިޑު ކާމިޔާބު ކުރާ ފަރާތްތަކުން، ސެކިއުރިޓީ ޑިޕޮސިޓަށްވާ ދެ މަހުގެ ކުލި ދައްކަން ޖެހޭނީ އަކަފޫޓެއް 39 ރުފިޔާގެ ރޭޓުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް