އަދާލަތު ޕާޓީގެ ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތި ލެވޭގޮތަށް އެ ޕާޓީގެ އަސާސީ ގަވައިދު އިިސްލާހު ކޮށްފި އެވެ.
އެ ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ޕާޓީގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އެ ދެ މާގަމަށް ކުރިމަތިލާން ހުޅުވާލާފައި ވީނަމަވެސް އެ ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން ރައީސް ކަމަށް އަންހެނުންނަށް ވާދަ ނުކުރެވޭނެ އެވެ.
މިކަމާއި މެދު ގިނަ ބަޔަކު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އަދާލަތަށް ފާޑުކިޔާފައި އެވެ.
އެ ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މީޑިއާގައި ވިދާޅުވީ އަންހެނުންނަށް ނައިބު ރައީސް ކަމަށް ކުރިމަތިލެވޭގޮތަށް އަސާސީ ގަވައިދަށް އިސްލާހު ގެނައީ ގަވައިދަށް މެމްބަރުން ހުށަހެޅުއްވި ބައެއް އިސްލާހު ތަކާއި ގުޅިގެން މިދިޔަ ހަފްތާގައި ކަމަށެވެ. އެކަމަކު އެއްވެސް މެމްބަރަކު ރައީސް ކަމަށް އަންހެން ބޭފުޅުންނަށް ވާދަ ކުރުމުގެ ޖާގަ ދިނުމަށް އެދި ގަވައިދަށް އިސްލާހު ހުށަހަޅާފައި ނުވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.
މި ދިޔަ ހަފްތާގައި ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭގޮތަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ ބައެއް އިސް މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މެދުނުކެނޑި އެ ޕާޓީއަށް ދެ އަހަރު ހިދުމަތްކުރުން ހިމެނޭ ގޮތަށް ވެސް އަސާސީ ގަވައިދަށް ވަނީ ބަދަލު ގެނެސްފަ އެވެ.
އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ކަމަށް ވާދަ ކުރައްވާ ބޭފުޅުން ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 19 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް