ފައިރޫޝް ރިޓަޔާ ކުރެއްވުމާއި އަގު ވަޒަން ކުރުމުން ފާޑުކިޔުން!

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން އަބްދުﷲ ފައިރޫޝް ރިޓާޔާ ކުރެއްވުމާއި އޭނާގެ އަގުވަޒަން ކުރުމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެމްޑީޕީގެ އިސްވެރިންނާއި އާންމު މެމްބަރުންގެ ނުރު...

03 Jan 2021 | 06:40

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން އަބްދުﷲ ފައިރޫޝް ރިޓާޔާ ކުރެއްވުމާއި އޭނާގެ އަގުވަޒަން ކުރުމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެމްޑީޕީގެ އިސްވެރިންނާއި އާންމު މެމްބަރުންގެ ނުރުހުން އަމާޒުވާން ފަށައިފި އެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވީ 20 އަހަރު ދުވަހު ފުލުހުންގެ އިދާރާގައި މަސައްކަތް ކުރެއްވުމަށް ފަހު އެވެ.

ފައިރޫޝް އައި މެދު އެމްޑީޕީގެ މެމްބަރުން ހިތްހަމަ ނުޖެހެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ކުރުމުގައި އިސްކޮށް ހުންނެވި ބޭފުޅުންތެރޭގައި ފައިރޫޝް ހިމެނިވަޑައިގެންނަވާ ކަމަށް ބުނެ އެވެ. އެކަމާ ފައިރޫޝް އާއި މެދު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދަނިކޮށް މި ސަރުކާރު އައިސް ފައިރޫޝް އޭސީޕީގެ މަގާމަށް އައްޔަން ކުރުމުންވެސް އެމްޑީޕީ މެމްބަރުން ނުރުހުން ފާޅުކޮށްފައިވެ އެވެ.

ފުލުހުންގެ ވަޒީފާއިން ފައިރޫޝް ރިޓަޔާ ކުރެއްވުމާއި ގުޅިގެން ބޭއްވި ހަފްލާއެއްގައި ނަގާފައިވާ ފޮޓޯއެއް ޓުވީޓުރައްވައި އޭނާ ފުލުހުންގެ އިދާރާގައި ކުރެއްވި މަސައްކަތަށް ސީޕީ ހަމީދު ޝުކުރު އަދާ ކުރެއްވުމުން އެމްޑީޕީގެ އިސް ބޭފުޅުން ވަނީ އިތުރަށް ހިތްހަމަ ނުޖެހިފައި އެވެ.

އެމްޑީޕީގެ ސަޕޯޓަރަކު ކުރެއްވި ޓުވީޓެއް ރީޓުވީޓު ކުރައްވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ސީޕީ ހަމީދުގެ އެ އަމަލުން ތަކުން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހުތަކަކީ ފައިރޫޝްމެންފަދަ ބޭފުޅުންނަށް މަގާމުގައި ނުތިބޭނެ ފަދަ އިސްލާހުތަކެއް ކަމަށެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ސީޕީ ހަމީދު ފައިރޫޝްއަށް ތައުރީފް ކުރެއްވުމުން ދޭހަވަނީ ފެބުރުއަރީ ހަތަކީ ބަގާވާތެއް ނޫން ކަމެވެ. ނަަމަވެސް އެއީ ރައްޔިތުންނަށް ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށާއި ވަރަށް ލަދުވެތި ވާކަމަށެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގްވެސް ވަނީ ސީޕީ ހަމީދުގެ ބަސްކޮޅަށް ރައްދުދެއްވާފައެވެ. އެގޮތުން ފައިރޫޝް ފުލުހުންގެ ހިދުމަތުގައި ކުރެއްވީ އަގުހުރި ހިދުމަތްތަކެއްކަމަށް ސީޕީ ހަމީދި ވިދާޅުވީ ވިދާޅުވުމަށް ރައްދު ދެއްވައި މެމްބަރު ޝަފީގް ވަނީ ހަތެއް ފެބްރުއަރީގައި ފުލުހުންނާއި ސިފައިންނާއި ފައިޫޝް ވާހަކަދައްކަވާ ވީޑިއޯއެއް ޓުވީޓު ކުރައްވާފައި އެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އެމްޑީޕީގެ އެހެން ސަޕޯޓަރުން ކޮށްފައިވާ ޓުވީޓުތަކުގެ ތެރޭގައި ސީޕީ ހަމީދު އުޅުއްވަނީ ހަތުރުން މާ ބޮޑެތި މިތުރުންނަށް ހަދައިގެން ގާތްކޮށްގެން ކަމަށެވެ. އަދި މީގެ ކުރިން ފައިރޫޝް ގޯސްވެ ވާހަކަ ދެއްކެވިއިރު ސީޕީ ހަމީދަށް މިއަދު ފައިރޫޝް ރަނގަޅުވުން ގަބޫލު ނުކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވި އިރު ފުލުހުންގެ އާ ގާނޫނު ތަސްދީގުކޮށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ ހަފްތާގައި އެވެ. އެ ގާނޫނުގެ ދަށުން ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް ބަލައި ތުހުމަތުވާ އޮފިސަރުން މަގާމުން ވަކިކުރުމުގެ ބާރު އެ ބޯޑަށް ލިބެ އެވެ.

އެ ބޯޑު އެކުލަވާލަނީ ރައީސްގެ ލަފާފުޅާއި އެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް