މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރާ ކުރާނެ

މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މެޓް އޮފީހުން ބުނީ ބައެއް ސަރަހައްދުތަކަށް މިއަދު އާންމު ގޮތެއްގައި މޫސުން ރަނގަޅު ނަމަވެސް މ...

03 Jan 2021 | 05:53

މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ބައެއް ސަރަހައްދުތަކަށް މިއަދު އާންމު ގޮތެއްގައި މޫސުން ރަނގަޅު ނަމަވެސް މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި މޫސުން ރަނގަޅުވާން ފަށާނީ ބުރާސްފަތި ދުވަހު ކަމަށް ބުނެ އެވެ.

ކުރިޔަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ވައި ޖެހޭނެ ކަމަށް ލަފާކުރަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރާއިރު ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.

މެޓުން ބުނީ ކަނޑު ގަދަވެ، ބައެއް ސަރަހައްދުތަކުގައި ރާޅުގެ އުސްމިނުގައި 2-5 ފޫޓު ހުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ އެވެ.

އެހެންވެ، މޫސުމަށް ސަމާލުވާން މެޓް އޮފީހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް