އެޗްއާރުސީއެމް އާއި އެންއައިސީ އެކު ފުލުހުން ބައްދަލުކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުންނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދ...

03 Jan 2017 | 13:03

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުންނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް ބައްދަލުކުރައްވައިފިއެވެ.

ފުލުހުން ބުނީ އިސްކަންދަރު ބިލްޑިންގގެ ކޮންފަރެންސް ރޫމްގައި  ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ކުރެވޭ މުޢާމަލާތްތައް މިހާރަށްވުރެ ހަރުދަނާކުރުމާއި އެކޮމިޝަންތަކާއި ފުލުހުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ދިމާވާ ދަތިތައް ހައްލުކޮށް، މަޝްވަރާކުރުމުގެ އިތުރުން ކޮމިޝަންތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ވަކިވަކިން ބޭއްވި މި ދެ ބައްދަލުވުމުގައިވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ފުލުހުންގެ މުއައްސަސާއާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާ ދެމެދު ބަދަލުކުރެވޭ ލިޔެކިޔުންތަކާއި ހިއްސާކުރެވޭ މަޢުލޫމާތުތަކާއި ގުޅޭގޮތުންނާއި އެކޮމިޝަންތަކުން ތަހުޤީޤު ކުރަމުންދާ މައްސަލަތަކުގައި ދިމާވާ ދަތިތަކާއި ފުލުހުންގެ ފަރާތުން އެ ކޮމިޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ކަމުގައި ފުލުހުން ބުނެ އެވެ.

މީގެއިތުރުން ތަހުޤީޤު ދާއިރާއަށް އަމާޒުކޮށްގެން ފުލުހުން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކުގައި އެކޮމިޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައި ކަމަށާއި މި ބައްދަލުވުމުގައި ފުލުހުންވަނީ އެކޮމިޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން ދީފައި ކަމުގައިވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުންގެ ފަރާތުން މި ބައްދަލުވުންތަކުގައި ބައިވެރިވެލެއްވީ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމްގެ އިތުރުން  ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޛް އާއި ކަމިޝަނަރސް ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ހަސަން ހަމީދުގެ އިތުރުން ޕްރޮފެޝަނަލް ސްޓޭޑަރޑްސް ކޮމާންޑްގެ އިސްވެރިން ކަމަށެވެ. އަދި މިބައްދަލުވުންތަކުގައި ނެޝެނަލް އިންޓަގްރިޓީ ކޮމިޝަންގެ ފަރާތުން އެކޮމިޝަންގެ ނައިބް ރައީސް އަލްއުސްތާޛް ހައްސާން ހަމީދު އާއި މެމްބަރު އަލްއުސްތާޛާ ހަދީޖާ ޢަބްދުﷲ ބައިވެރިވެ ވަޑައިގެންފައިވާކަމަށާއި  އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން އެކޮމިޝަންގެ ރައީސާ އައިމިނަތު އީނާސް އާއި، މެމްބަރު މޫސާ އަލީ ކަލޭފާނު އާއި މެމްބަރު ނައިވީން ޢަބްދުﷲ އާއި އެކޮމިޝަންގެ އިސް މުވައްޒަފަކު ބައިވެރިވެލެއްވިކަމުގައިވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް