ސަންގު ޓީވީގެ ހިއްސާގެ މައްސަލައިގާ އެ ޓީވީ ސްޓޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) އަށް މީހަކު ބިރު ދެއްކި ކަމަށްބުނާ މައްސަލައެއް އޭނާ ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އަސްވާޑު ވިދާޅުވީ މައްސަލަ ހުށަހެޅީ ސަންގު ޓީވީގެ ކުރީގެ ހިއްސާދާރެއްގެ ބޭބެ ތަކުރާރުކޮށް އޭނާއަށް ބިރު ދައްކުމުން ކަމަށާއި މައްސަލަ ހުށަހަޅާފައިވާނީ މިއަދު ކަމަށެވެ.
"ކުރިން މި ޓީވީގެ ހިއްސާދާރަކު އޭނާގެ ހިއްސާ އެއްކޮށް ކަހަލަ ގޮތަކަށް ދޫކޮށްލީ، މިހާރު މަސައްކަތް ކުރަނީ ހިއްސާ އަނބުރާ ހޯދަން، އެމީހެއްގެ ބޭބެ ރޭގަ ބައްދަލުކޮށްފަ ބިރު ދެއްކީ، ބުނަނީ ތިމަންނަ މީ ފުލުހެކޭ، މާދަމާ (މިއަދު) ހައްޔަރު ކޮށްގެން ނަމަވެސް ހިއްސާ އަތުލާނަމޭ" ދުވަހަށް މައުލޫމާތު ދެއްވަމުން އަސްވާޑް ވިދާޅުވިއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އަސްވާޑް ވިދާޅުވީ ރޭގެ އެ ބައްދަލުވުން ނިންމާލި ފަހުން ނުދަންނަ ނަމްބަރަކުން އިންޒާރުގެ މެސެޖެއްވެސް ލިބިފައިވާކަމަށާއި އެ މެސެޖުގައި އޭނާއަށް ކުރިން ޖެހުނު ހާލު ހަނދާންކޮށްދީ ތަކުރާރުކޮށް އިންޒާރު ދީފައިވާކަމަށެވެ.
އަސްވާޑް އިތުރަށް ވިދާޅުވީ މިއަދު މައްސަލަ ހުށަހަޅާފައިވާނީ ރޭ އިންޒާރު ދިން މީހާ އާއި ސަންގު ޓީވީގެ ހިއްސާ އެއްކޮށް ކަހަލަ ގޮތަކަށް ދޫކޮށްލާފައިވާ ހިއްސާދާރާއި ދެކޮޅަށް ކަމަށެވެ. އަނެއް ހިއްސާދާރާއި ދެކޮޅަށް މައްސަލަ ހުށަހެޅީ އިންޒާރު ދިނުމުގައި އޭނާގެ ބައިވެރިވުމެއް އޮވެދާނެކަމުގައި ބެލެވޭތީ ކަމަށްވެސް އަސްވާޑް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް