މި އަހަރުގެ ދިރާސީ އައު އަހަރު ފެށެންވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ގާއިމް ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ސްކޫލްތަކުގައި އަލިފާން ނިއްވުމުގެ ނިޒާމް ހަރުކޮށް ބެލެހެއްޓުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔައީ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއި ހަވާލުކޮށްގެންނެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 215 ސްކޫލެއްގައި ވަނީ އަލިފާން ނިވި ހަރުކުރޮށްފައި ކަމަށާއި މި އަހަރުގެ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ އިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިވި ހަރުކުރެވި އޭގެ އެސްއޯޕީ ތައްޔާރުކުރެވި އެކަމަށް ބޭނުންވާ ފަންނީ ތަމްރީނު ލިބިފައިވާ މުވައްޒަފުން ސްކޫލްތަކުގައި ތިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި މި މަޝްރޫއަށް 3.5 މިލިޔަން ރުފިޔާ ހަރަދުވެފައިވާ އިރު، ސްކޫލްތަކުގައި ހަރުކުރެވިފައިވާ އަލިފާން ނިވި ބެލެހެއްޓުމުގެ މަސައްކަތް ސިވެކް އިން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންގޮސްދެއްވާނެއެވެ.
"ދަރިވަރުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ފެށި މަސައްކަތްތަކުގެ ތެރެއިން ކުއްލި ހާލަތްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިމަޖެންސީ އޮޕަރޭޝަން ޕްލޭން ތައްޔާރުކުރެވިފައިވާ ވޭ، އަދި ސްކޫލަކަށް ދިމާވާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވުމުގެ ނިޒާމް ބޭނުންކުރަންވީ ގޮތުގެ މައުލޫމާތާއި ތަމްރީނު ސްކޫލްތަކުގެ މުވައްޒަފުންނަށް ދީފައިވާ އިރު، ސްކޫލްގެ އެމަޖެންސީ އޮޕަރޭޝަން ޕްލޭން ގެ ދަށުން އެފަދަ ހާދިސާ ދިމާވެއްޖެ ނަމަ ކަންތައް ކުރަންވީ ގޮތާއި ބެހޭ ގޮތުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސްކޫލްތަކުގެ މުވައްޒަފުންނަށް ވަނީ ތަމްރީނު ދީފައި" އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އެމްއެންޑީއެފް އާއި ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ސްކޫލްތަކުގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން ސްކޫލްތަކުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ. މީގެ އިތުރުން، ދަރިވަރުން ސަލާމްތާއި ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޗައިލް ޕްރޮޓެކްޝަން ޕްލިސީ އެއް ތައްޔާރުކުރެވިފައިވާ އިރު، 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 1 ގެ ދަރިވަރުންގެ ހެލްތު ސްކްރީން އަންނަނީ ކުރެވެމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް