ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގި ބިދޭސީއަކު 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

އުމުރުން 9 އަހަރުގެ އަންހެން ކުޑަކުއްޖަކާ ޖިންސީއަމަލެއް ހިންގި ބިދޭސީއަކު 10 އަހަރަށް ޖަލަށްލުމަށް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިނގުމުގެ ކުށް...

03 Jan 2017 | 07:12

އުމުރުން 9 އަހަރުގެ އަންހެން ކުޑަކުއްޖަކާ ޖިންސީއަމަލެއް ހިންގި ބިދޭސީއަކު 10 އަހަރަށް ޖަލަށްލުމަށް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިނގުމުގެ ކުށް ސާބިތުވުމާ ގުޅިގެން 2016 ޑިސެމްބަރ 28 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު ކެރޮން ޙޮސައިންގެ މައްޗަށެވެ.

ދައުލަތުން މުޙައްމަދު ކެރޮޮން ޙޮސައިންގެ މައްޗަށް ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، މުޙައްމަދު ކެރޮޮން ޙޮސައިންް 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ދުވަހެއްގައި ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގާފައިވާ މައްސަލައާއި ގުޅިގެންނެވެ.

މި ދަޢުވާ ޝަރީޢަތުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމްގައި ބުނަނީ، މިމައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު ކެރޮޮން ޙޮސައިން ތަހުޤީޤު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އިންކާރުކޮށްފައިވީ ނަމަވެސް ދަޢުވާ ސާބިތުކުރުމަށްޓަކައި ދަޢުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާ އާއި މުހައްމަދު ކެރޮން ޙޮސައިން މި މައްސަލައިގެ ތަހުޤީޤަށާއި ޝަރީއަތަށް ދީފައިވާ ބަޔާނަށް ރިޢާޔަތްކުރާއިރު، ޤާނޫނު ނަންބަރު 12/2009 ކުދަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔަންކޮށްފައިވާ ފަދަ 5 ބާވަތުގެ ހެކި ލިބިފައިނުވިނަމަވެސް އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖިންސީ ޢަމަލެއް ކުޑަކުއްޖަކާ ހިންގާފައިވާކަން ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން މުޙައްމަދު ކެރޮން ޙޮސައިންގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ކުޑަކުއްޖަކާ ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 12/2009 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ކެރޮން ޙޮސައިން 10 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ޚުކުމްކުރާކަމަށް ޤަޟިއްޔާގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް