ނިމިދިޔަ އަހަރަކީ ސެމްސަންގް ކުންފުންޏަށް ބަނަ އަހަރެއް ނަމަވެސް މި އަހަރުގެ ފެށުން ސެމްސަންގް އިން މިވަނީ ރަނގަޅުކޮށްފަ އެވެ. މުޅިން އައު ތިން ފޯނު ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ނެރުމަށް އެ ކުންފުނިން މިވަނީ ތައްޔާރުވެފަ އެވެ.
ނަމަވެސް މިއީ ސެމްސަންގް ގެ އެސް މޮޑެލްތަކުގެ ފޯނުތަކެއް ނޫނެވެ. މުޅީންވެސް އޭ މޮޑެލްތަކުގެ ފޯނުތަކެވެ. މި މޮޑެލްތަކުގެ އެތައް ފޯނެއް ކޮންމެ އަހަރަކު ސެމްސަންގް އިން ނެރެ އެވެ.
ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ނެރޭނެކަން އިއުލާނު ކޮށްފައިވަނީ ސެމްސަންގް ގެލެކްސީ އޭ 7 އަދި އޭ 5 ގެ އިތުރުން އޭ 3 އެކެވެ.
މިފޯނުތަކުގެ ސްޕެކްސް އަށް ނަޒަރު ހިންގާލާއިރު އޭ 7ގައި ހިމަނާފައިވަނީ ފުލް އެޗްޑީ ސުޕަރ އަމޮލެޑް ޑިސްޕްލޭ އެކެވެ. 1.9 ގިގަހާޓްސް އޮކްޓަ ކޯރ ޕްރޮސެސަރ އެއް ހިމަނާފައިވާއިރު ފްރޮންޓް އަދި ބެކް ކެމެރާ އަކީވެސް 16 މެގަޕިކްސެލް ކެމެރާ އެވެ.
ގެލެކްސީ އޭ 5 އަށް ބަލާލާއިރު މިފޯނުގައިވެސް މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ އޭ 7 ގައި ހިމަނާފައިވާ ސްޕެކްސްތަކެވެ. މައިގަނޑު ތަފާތަކީ ސައިޒު ކުޑަ ކަމެވެ. އޭ 7ގައި ހިމަނާފައިވަނީ 5.7 އިންޗީގެ ޑިސްޕްލޭ އެކެވެ.
އޭ 3 އަށް ބަލާލާއިރު ޑިސްޕްލޭގެ ސައިޒަކީ 4.7 އިންޗި އެވެ. ޑިސްޕްލޭ ޓެކްނޮލޮޖީ އަކީ އެޗްޑީ ސުޕަރ އަމޮލެޑް އެވެ. ބޭނުންކޮށްފައިވަނީ 1.6 ގިގަހަޓްސްގެ އޮކްޓަ ކޯރ ޕްރޮސެސަރ އެކެވެ. ފްރޮންޓް ކެމެރާގެ ރެސޮލިއުޝަން އަކީ 8 މެގަޕިކްސެލް އެވެ. ފަހަތު ކެމެރާގެ ރެސޮލިއުޝަން އަކީ 13 މެގަޕިކްސެލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް