އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ ޔާސިރު ގާޟީ ރާއްޖެ ވަޑައިގެންނަވަނީ

އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ  ޑރ ޔާސިރު ގާޟީ ރާއްޖެ ވަޑައިގެންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ޑރ ޔާސިރު ގާޟި އަކީ އެމެރިކާގެ އިސްލާމީ ތައުލީމު އުގަންނައިދޭ އިންސްޓިޓިއުޓެއް ކަމަށްވާ...

03 Jan 2015 | 08:03

އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ  ޑރ ޔާސިރު ގާޟީ ރާއްޖެ ވަޑައިގެންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޑރ ޔާސިރު ގާޟި އަކީ އެމެރިކާގެ އިސްލާމީ ތައުލީމު އުގަންނައިދޭ އިންސްޓިޓިއުޓެއް ކަމަށްވާ އަލް މަޣުރިބު އިންސްޓިޓިއުޓްގެ އެކަޑަމިކް އެފެއާޒްގެ ޑީން އެވެ. އަންނަ މާޗު މަހުގެ ތެރޭގައި އޭނާ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު ޑރ ޔާސިރު ގާޟިގެ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި އެވެ.

އިސްލާމިކް މިނިސްޓާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޑރ ޔާސިރު ރާއްޖެ ވަޑައިގެންނަވަނީ މިނިސްޓްރީގެ ދައުވަތަކަށް ކަމަށާއި، އޭނާ ދަރުސް ދެއްވާނީ "އިސްލާމް ދީނަކީ ހައްގު ދީން" މި މައުލޫއަށް ކަމަށެވެ. އަދި މާޗްމަހުގެ 13 ވަނަ ދުވަހު އިނގިރޭސި ބަހުން އިސްލާމީ މަރުކަޒުގައި ހުތުބާ ވިދާޅުވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓާ ވިދާޅުވި އެވެ.

"ޑރ. ޔާސިރު ގާޟީ އަކީީ ހަރުކަށި ފިކުރުތަކާ ދެކޮޅަށް ވަކާލާތު ކުރައްވާ އަދި އެމެރިކާގެ އެތައް ބަޔަކު އޭނާގެ އަތްމައްޗަށް އިސްލާމްވެފައިވާ ބޭފުޅެއް،" ޔާސިރު ގާޟި ރާއްޖެ ވަޑައިގަތުމާއި ބެހޭގޮތުން މިނިސްޓާ ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ  އެވެ.

މިނިސްޓާ ވިދާޅުވީ ޑރ ޔާސިރުގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެތައް ދީނީ އިލްމުވެރިންނެއް މިއަހަރު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑރ ޔާސިރު ގާޟި އަކީ އިސްލާމް ދީނަށް  ގޮވާލާ ދީނީ ނަސޭހަތްދީ  ދީނީ މައުލޫމާތުތައް ހިމެނޭ ފޮތްތައް ނެރުއްވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް