އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމު ހިމެނޭހެން "ކޯރ ގްރޫޕެއް" އެކުލަވާލަން ދެ ގައުމުގެ ވެރިން އެއްބަސްވެވަޑައިގެންފިއެވެ.
މިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އެއްބަސްވެވަޑައިގެންނެވީ ކޮޕް28 ކޮންފަރެންސްގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެމެދު އިއްޔެ ކުރިއަށްދިޔަ ބައްދަލުވުމުގައެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މީގެ ދެހަފްތާގެ ކުރިން މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އިންޑިއާގެ ބޮޑުވަޒީރު ވަނީ، ދެޤައުމު ދޭދޭ ގުޅުންތައް ވަރުގަދަކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ދެބޭފުޅުން ވަނީ، އިޤްތިޞާދީ ދާއިރާއިން ގުޅުންބަދަހިކުރުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުން ހިމެނޭހެން، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
އިންޑީއާގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވާގޮތުގައި ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ދެމެދުގައި "ކޯރ ގްރޫޕެއް" އެކުލަވާލުމަށްވެސް ދެ ލީޑަރުން އެއްބަސްވެލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް