ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗް ގެ ފަހު ދެ މެޗު މިރޭ ކުޅުނުއިރު، ފަހު ވަގުތު ޖެހި ލަނޑުން ޕޯޗުގަލްގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދާ، ސައުތު ކޮރެއާ ދެ ވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މިރޭ މި ގްރޫޕްގައި އުރުގުއޭ ކުޅުނު މެޗުން 2-0 ގެ ނަތީޖާއިން އެ ޓީމުން ގާނާ ބަލިކުރުން އުރުގުއޭ އާއި ސައުތު ކޮރެއާ އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައެވެ. ޕޮއިންޓްގެ ގޮތުން އެއްވަރުވުމުން ލަނޑުގެ ތަފާތަށް ބަލާއިރު، ދެ ޓީމުގެ ލަނޑުގެ ތަފާތު ވެސް އެއްވަރުވެ (0)، ހެޑް-ޓު-ހެޑް ނަތީޖާ (ދެ ޓީމު ކުޅުނު މެޗު) ވެސް އެއްވަރުވުމުން، ސައުތު ކޮރެއާއަށް ކުރި ލިބުނީ އުރުގުއޭ އަށްވުރެ ޖެހި ލަނޑު އިތުރުވުމުންނެވެ.
ދެ ވަނަ ބުރަށް ދިއުމަށް މޮޅުވުން މަޖުބޫރު ވެފައިވާ ކޮރެއާއަށް މިރޭ މެޗުގެ ފެށުން ދިޔައީ ވަރަށް ގޯސް ކޮށެވެ. މެޗަށް ނުކުތްއިރު ވެސް ކޮލިފައިވެފައި ވުމުން، ބަދަލުތަކަކާއެކު މެޗު ފެށި ޕޯޗުގަލްއިން މެޗުގެ 5 ވަނަ މިނިޓުގައި ކޮރެއާ ކޮޅަށް ލަނޑު ޖެހިއެވެ. އަރިމަތިން ކުރިޔަށް ދުވެ، ޑެލޮޓް އޭރިޔާގެ ތެރެއަށް ކަނޑާލި ހުރަހަކުން މި ލަނޑު ކާމިޔާބު ކުރީ ހޯޓާއެވެ.
ޕޯޗުގަލްގެ ލަނޑަށްފަހު ކޮރެއާގެ މަސައްކަތް ދެ ގުނަ ރަނގަޅު ކުރިއިރު، 27 ވަނަ މިނިޓުގައި އެ ޓީމުން ނަތީޖާ ހަމަހަމަކޮށްލިއެވެ. ކޮރެއާއިން ނެގި ކޯނަރެއް ރޮނާލްޑޯއަށް ސާފުކޮށްނުލެވުމުގެ ފައިދާ ނަގައި މި ލަނޑު ޖެހީ ކިމް ޔަންގ އެވެ.
ގާނާއާ ދެކޮޅަށް ހަމަ އެއްގަޑިއެއްގައި ކުޅުނު މެޗުގެ 26 ވަނަ މިނިޓާއި 32 ވަނަ މިނިޓުގައި އަރަސްކޭޓާ ޖެހި ލަނޑާއެކު އުރުގުއޭ މޮޅުވާން ދިއުމާއެކު، މޮޅު ނޫން ކޮންމެ ނަތީޖާއަކުން ވެސް މުބާރާތާ ވަކިވާން ޖެހޭނެކަން އެނގިފައި އޮތް ކޮރެއާއިން ޕޯޗުގަލްގެ މައްޗަށް ލީޑު ނެގީ މެޗުގެ އިތުރު ވަގުތުގައެވެ. ހުވަން ލީ ޗެން ޖަހައިދިން މި ލަނޑާއެކު ކޮރެއާއިން ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ. މިއީ ރައުންޑް އޮފް 16 ގެ ޖާގަ ކަށަވަރުކުރި އޭޝިޔާގެ 2 ވަނަ ގައުމެވެ.
ގްރޫޕް އެޗް ގެ އެއްވަނައިގައި ނިންމާލި ޕޯޗުގަލް ރައުންޑް އޮފް 16 ގައި ވާދަކުރަން ޖެހޭނީ ގްރޫޕް ޖީ ގެ ދެ ވަނަ ހޯދާ ޓީމަކާއެވެ. ސައުތު ކޮރެއާ ވާދަކުރަން ޖެހޭނީ ގްރޫޕް ޖީ ގެ އެއްވަނަ ހޯދާ ޓީމަކާއެވެ. ގްރޫޕް ޖީ ގެ ފަހު ދެ މެޗު، އަދި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ވެސް އެންމެ ފަހު 2 މެޗު މިރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައި ފަށާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް