މާލެ އާއި ކުޑަގިރިއާ ދެމެދު ފެރީ ދަތުރުކޮށްދޭނެ ފަރާތެއް ހޯދަނީ

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑްއަށް ފެރީ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން އެޗްޑީސީން އިއުލާނުކޮށްފިއެވެ. އެ...

02 Dec 2022 | 10:03

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑްއަށް ފެރީ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން އެޗްޑީސީން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން ބުނީ މާލެ އާއި ކުޑަގިރިއާ ދެމެދު ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ކުރުމަށް ހޯދަނީ ހަތަރު ފެރީ ދޯނި ކަމަށާއި އެއީ 50 އާއި 70 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީ އަދި 80 އާއި 100 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީ ކަމަށެވެ.

އެގޮތުން ފެރީ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ގަޑިތައް ކަމަށް އެކުންފުނިން ބުނެފައި ވަނީ މާލެ އިން ކުޑަގިރިއަށް ހެނދުނު 6:30 އާއި 6:50 އާއި 7:10 ގައެވެ.

އަދި ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް ބާއްވަން ހަމަޖެހިފައި ވަނީ ހަވީރު 5:20 އާއި 5:40 އަދި  6:00 ގައި ކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ މާލެ އާއި ކުޑަގިރިއާ ދެމެދު ފެރީ ދަތުރުތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 11:00 އާއި ހަމައަށް ކަމަށެވެ.

މިއީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް  ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ 41.4 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެދަށުން ކުޑަގިރިފަޅުން އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދެކެވެ. އެގޮތުން ކުޑަގިރި ޕިކްނިކް އައިލެންޑަކީ މާލެއިން ލޯންޗުގައި ދިހަވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި ތަރައްޤީކޮށްފައިވާ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް