ގްރޫޕް އެޗް ގެ ފަހު 2 މެޗުގައި މިރޭ ގާނާ-އުރުގުއޭ އަދި ކޮރެއާ ރިޕަބްލިކް-ޕޯޗުގަލް ވާދަކުރާނެއެވެ. މި މެޗުތައް ރާއްޖެ ގަޑިން 20:00 ގައި ފެށޭނެއެވެ.
ތާރީޚް: 02 ޑިސެމްބަރ 2022
ގަޑި: 20:00
ސްޓޭޑިއަމް: އަލް ޖަނޫބު ސްޓޭޑިއަމް (ގާނާ – އުރުގުއޭ)
ސްޓޭޑިއަމް: އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމް (ސައުތު ކޮރެއާ – ޕޯޗުގަލް)
ގްރޫޕް: އެޗް
ގްރޫޕް އެޗް އަށް ނަޒަރެއް:
ގްރޫޕް އެޗް އިން ޕޯޗުގަލް މި ވަގުތު އޮތީ 6 ޕޮއިންޓާއި ފައިދާ 3 ލަނޑާއެކު ގްރޫޕްގެ އެއް ވަނައިގައެވެ. އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަވަނީ ޔަގީންވެފައެވެ. ދެން އޮތް 3 ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އަދި އޮތްއިރު، ދެ ވަނައިގައި އޮތް ގާނާއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ލަނޑުގެ ތަފާތަކީ 0 އެވެ. ސައުތު ކޮރެއާ އާއި އުރުގުއޭއަށް އެންމެ ޕޮއިންޓެއް ލިބިފައިވާއިރު، ކޮރެއާ ތިންވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އެ ގައުމުގެ ލަނޑުގެ ތަފާތަކީ 1- އެވެ. އުރުގުއޭގެ ލަނޑުގެ ތަފާތަކީ 2- އެވެ.
ގަދަ 16 އަށް ދިއުމުގެ ފުރުސަތު އޮތީ ކޮން ބަޔަކަށް؟ ކޮން ގޮތަކުން؟
ގްރޫޕް އެޗް އިން ޕޯޗުގަލްއަށް ދެ ވަނަ ބުރުގެ ޖާގަ ޔަގީން ވެފައިވާއިރު، މިރޭ ކޮރެއާ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވިޔަސް، އެއްވަރުވިޔަސް ޕޯޗުގަލްއަށް ގްރޫޕްގެ 1 ވަނަ ވެސް ޔަގީން ވާނެއެވެ.
ގާނާއަށް ބަލާއިރު، އުރުގުއޭ އަތުން މޮޅުވެއްޖެނަމަ އެ ގައުމު ދެ ވަނަ ބުރަށް ކޮލިފައިވާނެއެވެ. ގާނާ މެޗު އެއްވަރުވާ ހާލަތުގައި ވެސް، ކޮރެއާ އިން ޕޯޗުގަލް ބަލި ނުކޮށްފިނަމަ ގާނާ ދެ ވަނަ ބުރަށް ދާނެއެވެ. ގާނާ ބަލިވެ، ކޮރެއާއިން ޕޯޗުގަލް ބަލިކޮށްފިނަމަ، ގާނާ އާއި ކޮރެއާގެ ތެރެއިން ކުރި ލިބޭނީ ގޯލުގެ ތަފާތަށް ބަލައިގެންނެވެ.
އުރުގުއޭ ގާނާއަތުން ބަލިވިޔަސް އެއްވަރު ވިޔަސް، އަދި ކޮރެއާ ޕޯޗުގަލް އަތުން ބަލިވިޔަސް އެއްވަރު ވިޔަސް، އެ ދެ ގައުމު ވެސް ކަޓާނެއެވެ. އުރުގުއޭ މޮޅުވިޔަސް، އެ ޓީމު ދެ ވަނަ ބުރަށް ދާނީ ކޮރެއާއިން ޕޯޗުގަލް ބަލިނުކޮށްފިނަމައެވެ. ކޮރެއާ އާއި އުރުގުއޭ ވެސް މޮޅުވެއްޖެނަމަ، އެ ދެ ގައުމުގެ ތެރެއިން ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ ލަނޑުގެން ތަފާތުން ކުރި ލިބޭ ޓީމަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް