ގޯލާއި މެދު ރޮނާލްޑޯގެ އެއްވެސް ޝަކުވާއެއް ނެތް، މީޑިއާ އިން ފަތުރަނީ ދޮގު ވާހަކަތަކެއް - ފެނާންޑޯ ސަންޓޯސް

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް އެޗްގައި އުރުގުއޭއާއި ދެކޮޅަށް އެންމެ ފަހުން ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ އުރުގުއޭ ކޮޅަށް ބޮލުން ޖެހިކަމަށް ބުނާ ގޯލާއި މ...

02 Dec 2022 | 08:25

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް އެޗްގައި އުރުގުއޭއާއި ދެކޮޅަށް އެންމެ ފަހުން ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ އުރުގުއޭ ކޮޅަށް ބޮލުން ޖެހިކަމަށް ބުނާ ގޯލާއި މެދު ދުނިޔޭގެ މީޑިއާތަކުގައި ދެކެވެނީ އެވެސް ހަޤީޤަތެއް ނެތް ބުހުތާނު ދޮގު ވާހަތަކެއް ކަމަށް ޕޯޗުގަލް ހެޑް ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

މިރޭ ސައުތް ކޮރެއާއާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ ގުރޫޕުގެ އެންމެ ފަހު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯގެ ލަނޑާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން ސަންޓޯސް ބުނީ މީޑިއާތަކުގައި ރޮނާލްޑޯ އާއި ގުޅޭ ގޮތުން ދައްކަނީ ހަޤީޤަތާއި ޚިލާފު ވަހަކަ ތަކެއް ކަމަށާއި މިޑިއާގައި ވާހަކަ ދެކެވޭ ގޮތަށް އެއްވެސް ކަމެއް ނުހިގާކަމަށެވެ. އަދި އުރުގުއޭ ކޮޅަށް ރޮނާލްޑޯ ބޮލުން ވައްދާލިކަމަށް ބުނާ ގޯލާއި ގުޅިގެން މިހާތަނަށް ރޮނާލްޑޯ އެއްވެސް ވާހަކައެއް ދައްކާފައި ނުވާކަމަށާއި އަދި ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ވެސް އަދި ރޮނާލްޑޯވެސް އެއީ އޭނާ ޖެހި ގޯލެއްކަމަށް ހަދަން ފީފާއަށް މައްސަލަ ހުށައަޅަން މަސައްކަތް ނުކުވާ ކަމަށް ސަންޓޯސް ވަނީ ބުނެފައެވެ.

ސަންޓޯސް ބުނީ ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރީ އެއީ ކޮންމެ ހެން އޭނާ ޖެހި ލަނޑެއް ކަމަށް ހަދަން ނޫން ކަމަށާއި އެއީ ޓީމަށް ލީޑު ލިބުމުން ރޮނާލްޑޯ ފާޅުކުރި އުފަލެއްކަމަށެވެ. އަދި މި ލަނޑުގެ މައްސަލާގައި މިހުންގެ ސަމާލުކަން ހޯދަން މީޑިއަތަކުން މޮޅެތި ހެޑްލައިން ލިޔަމުން ދާއިރު، ކަމުގެ ހަޤީޤަތް އެއްވެސް ވަރަކަށް ނުބަލާކަމަށް ވެސް ސަންޓޯސް ބުންޏެވެ. އަދި ފަހަކަށް އައިސް ރޮނާލްޑޯ އާއި ގުޅޭގޮތުން ކިތެންމެ ކުޑަކަމެއް ވެސް ބޮޑު ކަމަކަށް ހަދައިގެން މިޑިއާތަކުގައި ދަނީ ފަތުރަމުން ކަމަށް ވެސް ސަންޓޯސް ބުންޏެވެ.

ސަންޓޯސް ބުނީ އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު އެ ލަނޑުގެ ވާހަކަ އެއްވެސް މީހަކު ނުދައްކާ މަކަށާއި ނަމަވެސް ޕޯޗުގަލް ޓީމު ރަނގަޅު ހާލަތެއްގައި އޮތުމުން ޓީމުތެރޭ ބައިބައިވުންތައް އުފައްދަން މީޑިއާތަކުން މަސައްކަތް ކުރާ ކަމަށް އެނާ ބުންޏެވެ.

ސަންޓޯސް އިތުރަށް ބުނީ ލަނޑުގެ މައްސަލާގައި ރޮނާލްޑޯވެސް އަދި ބުރޫނޯ ވެސް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި އެ ދެކުޅުންތެރިންގެ ގުޅުން ވެސް އަދި ޓީމުގެ އެހެން ކުޅުންތެރިންގެ މެދުގައި އޮތް ގުޅުންވެސް ވަރަށް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

" ރޮނާލްޑޯ ޖެހިކަމަށް ބުނާ ގޯލާއި ގުޅިގެން މީޑިއާތަކުން ދައްކަނީ ދޮގު ވާހަތަކެއް. އެ ލަނޑާއި ގުޅޭގޮތުން ރޮނާލްޑޯ އެއްވެސް ޝަކުވާއެއް، އަދި އެކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ނުދައްކާ. އަދި އަހަރެމެން ވެސް އެއީ ރޮނާލްޑޯގެ ގޯލަކަށް ހަދަން ފީފާއަށް ދާކަން ނުވިސްނަން، އަދި ނުވެސް ދާނެ." ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ސަންޓޯސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް