އެމްޓީޑީސީގެ އާ އޮފީސް އިމާރާތް -- ދުވަސް ފޮޓޯ
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، )އެމްޓީޑީސީ( އިން ހުޅުމާލޭގައި އިމާރާތް ކުރި އެކުންފުނީގެ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީ އިމާރާތްކުރި މި އޮފީސް އިމާރާތް ހުޅުވައިދެއްވީ މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީނެވެ. މި ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސް ބޭފުޅުންނެވެ.
އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، ކުންފުނީގެ މާޒީގައި ކާމިޔާބީތަކެއް ނެތްނަމަވެސް މިއަދު ކުންފުނީގެ ކުރިމަގު ފެންނަނީ ވަރަށް އުއްމީދީކޮށް ކަމަށެވެ. އެގޮތުން ކުންފުންޏަށް އާމްދަނީ ލިބޭނޭ ދާއިރާތައް އިތުރުކޮށް ގިނަ ކަންތައްތަކެއް ކުރަމުންދާކަމަށް ހާރިސް ފާހަގަކުރެއްވިއެވެ.
އެގޮތުން އާ އިމާރާތާއި އެކު އެ ކުންފުންޏަށް ދާއިމީގޮތެއްގައި އާމްދަނީ ލިބޭނެ އިތުރު ދޮރެއް ހުޅުވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މާލޭ ސަރަހައްދުގައި އެފަދަ އިތުރު އިމާރާތެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
2023 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި އެ އިމާރާތުގެ މަސައްކަތް ކުރީ ޗައިނާ ކުންފުންޏަކުންނެވެ.




އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.
އެމްޓީޑީސީން ބުނީ ތިމާވެއްޓާ ރައްޓެހި އުސޫލުތަކަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި އިމާރާތަކީ ހަކަތަ އިގްތިސާދުކުރެވޭނެ ގޮތަށް ބިނާކުރި ތަނެއް ކަމަށެވެ. އެގޮތުން ކަރަންޓު ޚަރަދު ކުޑަކުރެވޭ ފަދަ ލައިޓްތަކާއި، އިމާރާތުގެ އެތެރެ ހޫނުވުން ކުޑަކޮށްދޭ 'ލޯ-އީ' ބިއްލޫރި އަދި އެޑްވާންސް ތާމަލް އިންސިއުލޭޝަން ފަދަ ވަސީލަތްތައް މި އިމާރާތުގައި ހިމަނާފައިވާކަން އެމްޓީޑީސީން ވަނީ ފާހަގަކޮށްފައެވެ.
އެމްޓީޑީސީއަކީ ޓޫރިޒަމްގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް