އީރާނުގެ ނިއުކްލިއާ ވަސީލަތްތަކުގެ ތެރެއިން އަދި ނުފޯރާ ހުރި ތަންތަނަށް 10 މިނެޓުގެ ތެރޭގައި ހަމަލާ ދެވިދާނެ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރު އަސްކަރީ ފިޔަވަޅެއްގެ އިޝާރާތެއް ރޭ ދީފިއެވެ.
ފްލޮރިޑާގެ މާ-އަ-ލާގޯގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އެމެރިކާ ސިފައިންގެ ޢަމަލިއްޔާތްތަކުން އީރާނުގެ ކަނޑުގެ ލަޝްކަރާއި ވައިގެ ލަޝްކަރާއި ވައިގެ ދިފާޢީ ނިޒާމާއި އަސްކަރީ ތަކެއްޗާއި ނިއުކްލިއާ އުމްރާނީ ވަސީލަތްތައް ބޮޑުބައި ހަލާކުކޮށްލާފައިވާ ކަމަށެވެ. އެގޮތުން ބާކީ އެކެއް ނުވަތަ ދެ ތަނެއް އެބައޮތް ކަމަށާއި އެ ތަންތަނަށް ވެސް ވަރަށް އަވަހަށް ފިޔަވަޅު އެޅިދާނެ ކަމަށް ޓްރަމްޕް ބުންޏެވެ.
ޓްރަމްޕަ ބުނީ އޭގެ ތެރޭގައި ޕިކްއެކްސް މައުންޓެން ނަމަކަށް ކިޔާ ތަނެއް ހުންނަ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. ދެން ބާކީ ހުރި އެ މަސައްކަތަށް ބޭނުންވަނީ 10 ވަރަކަށް މިނެޓު ކަމަށް ބުންޏެވެ.
ޤަޠަރު މެދުވެރިކޮށް ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ހިނގަމުންދާ މަޝްވަރާތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ޓްރަމްޕް ބުނީ އެއްބަސްވުމަކަށް ދިޔުމަށް އެމެރިކާއަށް އަވަސް ނޫން ކަމަށެވެ. ކުރިޔަށް ނުދެވިގެން އުޅެނީ އިރާނަކީ އިތުބާރު ކުރެވޭ ބަޔަކަށް ނުވާތީ ކަމަށާއި އެމީހުން ޑީލު ހެދުމަށް ފަހު ފަހު ވަގުތު ފަހަތަށް ޖެހެނީ ކަމަށް ބުނެފައިވެ އެވެ.
ނިއުކްލިއާ ހަތިޔާރާ ބެހޭ ގޮތުން ޓްރަމްޕް ބުނީ އީރާނުގެ އަތުގައި ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނޯންނާނެ ކަމަށެވެ. އީރާނާ ދެކޮޅަށް މި ހަފުތާގައި ވެސް އަސްކަރީ ފިޔަވަޅު އަޅައިފާނެތޯ ސުވާލުކުރުމުން ސީދާ ޖަވާބެއް ދޭން ޓްރަމްޕް ދެކޮޅު ހެދިއެވެ.
ޓްރަމްޕް މި ވާހަކަތައް ދެއްކީ، ހޮނިހިރު ދުވަހު ދޯހާގައި ޤަޠަރުގެ މެދުވެރިންނާ އީރާނުގެ މަޝްވަރާ ޓީމު ބައްދަލުކުރި ދުވަހުއެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވެފައިވާ އިރު، ޚާރިޖީ ހައްލެއް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް