ނުރައްކާތެރިކޮށް ދުއްވަނިކޮށް ހައިވޭގަ ހުރި ބެރިކޭޑުތަކެއްގަ ޖެހި އެކްސިޑެންޓުވި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ

02 Nov 2026 | 06:02
ހައިވޭގައި ފުލުހުން ޓްރެފިކް ބަލަހައްޓަނީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ހައިވޭގައި ފުލުހުން ޓްރެފިކް ބަލަހައްޓަނީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ހައިވޭގައި ނުރައްކާތެރިކޮށް ދުއްވަމުން ދަނިކޮށް ފުލުހުން މަޑުކުރަން އެންގުމުން ވެސް ނުހުއްޓައި ކުރިއަށް ދިޔުމުގެ ތެރޭގައި ފުލުހުންގެ ބެރިކޭޑެއްގައި ޖެހި އެކްސިޑެންޓުވި މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އަށް ރަބަރު ޕެކެޓު ފެނިއްޖެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ ރަންފަސް، ޢުމުރުން 30 އަހަރުގެ އިބްރާހިމް އަޒުލިފް ހުސެއިން ކަމަށް ފުލުހުން ބުނެއެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި، ބާރު ސްޕީޑުގައި ހައިވޭގައި ދުއްވާފައި ދާ މަންޒަރު ފެނިގެން ފުލުހުން ހުއްޓުވަން މަސައްކަތްކުރީ ނުރައްކާތެރި ގޮތެއްގައި ދުއްވަމުން ދިޔުމުންނެވެ. ނަމަވެސް ބާޜު ސްޕީޑުގައު ދުއްވާފައި ދަނިކޮށް ފުލުހުން ބެހެއްޓި ބެރިކޭޑެއްގައި ޖެހި އެކްސިޑެންޓުވީއެވެ.

އެކްސިޑެންޓަށް ފަހު އޭނާ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އަށް ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އަޒުލިފް އެއްބަސްވެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް އޭނާ ބުނެފައި ވަނީ ގެންގުޅުނީ ބޭނުންކުރުމަށް ގެންގުޅުނު އެންމެ ދެ ރަބަރު ޕެކެޓު ކަމަށެވެ.

ފުލުހުން ބުނި އަދަދާއި އަޒުލިފް ބުނާ އަދަދާ ދެމެދު ފަރަގެއް ހުރި އިރު، އޭނާ ހައްޔަރުކޮށްފައި ވަނީ ނުރައްކާތެރިކޮށް ދުއްވުމާއި މަސްތުވާތަކެތީގެ މައްސަލައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް