ބޯޓު ވެއްޓުނު ސަރަހައްދުގައި އަލިފާން ރޯވެފައި --
އެމެރިކާގެ ޓެކްސަސް އިން ބަހާމާސް އަށް ދަތުރުކުރި ލިއާޖެޓް 60 މަރުކާގެ ޕްރައިވެޓް ޖެޓެއް ފްލޮރިޑާގެ ވެސްޓް ޕާމް ބީޗް ހިސާބުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓި، ބޯޓުގައި ތިބި ނުވަ މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގީ އިއްޔެ ހަވީރު އެވެ.
އެމެރިކާގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވަނީ ބޯޓުގައި ތިބި އެންމެން މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އެން722ބީޑީގެ ނަމުގައި ރެޖިސްޓްރީ ކޮށްފައިވާ މި ބޯޓު ވެއްޓުނީ މޮބައިލް ހޯމް ޕާކެއް ކައިރީގައި އޮތް ގެތައް ހުންނަ ސަރަހައްދަކަށެވެ. ބިމުގައި ޖެހުމާ އެކު ބޯޓު ގޮވީއެވެ.
ވެއްޓުމުގެ ކުރިން ޕައިލެޓާއި އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އާ ދެމެދު ދެކެވުނު ވާހަކައިގެ އޯޑިއޯ މިހާރު ވަނީ ޢާންމުވެފައެވެ. ފުރަތަމަ ޕައިލެޓް ރިޕޯޓުކުރީ މެދު މިންވަރެއްގެ ޓާބިއުލެންސާއި އައިސިން ހާލަތެއް ކުރިމަތިވި ކަމަށެވެ. ބޭރުގެ ފިނިހޫނުމިން ހުރީ މައިނަސް 47 ޑިގްރީ ސެލްސިއަސް ގައެވެ. ބަހާމާސްގެ ފްރީޕޯޓާ ދިމާއަށް ދާ މަގުމަތީ އޮމާން ޖައްވެއް ހޯދުމާ ބެހޭ ގޮތުން ކްރޫ ވާހަކަ ދައްކަމުން ދަނިކޮށް ހާލަތު ކުއްލިއަކަށް ގޯސްވީއެވެ.
"722 ބްރާވޯ ޑެލްޓާ… ވީ އާ ޑިސެންޑިން 8,000 — މެއިޑޭ، މެއިޑޭ! ވީ އާ ޑިސެންޑިން 10,000 ފީޓް ޕާ މިނެޓް!" ޕައިލެޓް ބުންޏެވެ. ކޮންޓްރޯލަރު ކުއްލި ހާލަތު ބަލައިގެން އެހީ ހުށަހެޅިއެވެ. އެއަށް ފަހު ޕައިލެޓް ބުނީ ބޯޓުގެ ސްޕީޑް މާ ބޮޑަށް މައްޗަށް ގޮސް، މިނެޓަކު 20,000 ފޫޓުގެ ބާރުމިނުގައި ތިރިއަށް ދާ ކަމަށެވެ. ފަހު ވަގުތުކޮޅު ތެރޭ ބޯޓު 60 ޑިގްރީ އެންގަލެއްގައި ބެންކް ކޮށް، މިނެޓަކު 22,000 ފޫޓުގެ ބާރުމިނުގައި ފައިބަމުން ދިޔައެވެ. "ވީ އާ ގޮއިން ޓު ކްރޭޝް އިންޓު ދަ ގްރައުންޑް، 722 ބްރާވޯ ޑެލްޓާ،" ޕައިލެޓް ބުންޏެވެ. ބެކްގްރައުންޑުން އެލާމް އަޑުތަކާއި ކޮކްޕިޓުގައި ތިބި މީހުންގެ ހާސްކަމުގެ އަޑުތައް އިވެމުން ދިޔައެވެ.
ބޯޓު ވެއްޓުނީ ގްރީނެއިކާޒްގެ މިލިޓަރީ ޓްރެއިލް އާއި 10 ވަނަ އެވެނިއު ނޯތް ކައިރީގައެވެ. ޕާމް ބީޗް ކައުންޓީ ޝެރިފް އޮފީހުން ދެ ފަރާތަށް ވެސް މަގުތައް ބަންދުކޮށް، މީހުން އެ ސަރަހައްދަށް ނުދިޔުމަށް އިލްތިމާސްކުރިއެވެ. ފެޑެރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އާއި ނެޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިން ހާދިސާ ތަޙުޤީޤުކުރަމުންދާ އިރު، މަރުވި ނުވަ މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ. ބޯޓު ވެއްޓުމަށް ދިމާވި ސީދާ ސަބަބު ވެސް އަދި ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް