ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ކުރިއަށް ގެންދާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހެޅިފައި ވަނިކޮށް، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.
އެ ގަރާރާ ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމުގައި ބަހުސްގެ ތެރެއިން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ބައެއް ބޭފުޅުން އެ މަނިކުފާނުގެ ނަން ގެންނަވާފައިވާތީ އެ މަޝްރޫއާ މެދު ދެކެވަޑައިގަންނަވާ ގޮތް ސާފުކޮށްދެއްވަން ޖެހިވަޑައިގެންނެވީ ކަމަށެވެ.
"އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވިއެވެ.
ސަތޭކަ އަހަރު ފަހުން ދެން ވާނެ ގޮތާ މެދު ސުވާލު އުފައްދަވާ ބޭފުޅުންނަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، މީގެ 300 އަހަރު ކުރިން ހޯރަފުއްޓަށް ތިން ނައެއް ދަތުރުކުރި ކަމަށާއި، އެ ތެރެއިން އެއް ނާ ހޯރަފުށީގައި މަޑުކުރިއިރު ދެވަނަ ނާ ދުވާފަރަށް ދިޔަ ކަމަށް އެ މަނިކުފާނަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ހޯރަފުށީ ދާއިރާގެ ރައީސް ސަލީމަކީ އެ ނާއިން ވަޑައިގެންނެވި ބޭފުޅުންގެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ. ގައުމީ މަޖިލީހުގައި ތިއްބެވި އެންމެހާ ބޭފުޅުންނަކީ ވެސް ތަފާތު ގައުމުތަކުން ރާއްޖެ ހިޖުރަކޮށް ވަޒަންވެރިވި މީހުންގެ ދަރީން ކަމަށާއި، އެއީ "ފަހުރުވެރި ދިވެހި ދަރިން" ކަމަށް ނަޝީދު ސިފަކުރެއްވިއެވެ.
ބޭރު ފަރާތްތަކަށް ފުރުސަތު ހުޅުވައިލުމުން ކުރިމަގުގައި އެހެން ދީންތަކާއި ޒަޔަނިސްޓުންނަށް ޖާގަ ލިބޭނެ ކަމަށް ބައެއް މެންބަރުން ވިދާޅުވި ވާހަކަތަކަށް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެ ބާވަތުގެ "ސާބިތު ނުހިފޭ" ވާހަކަ ނުދެއްކެވުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.
މީގެ ކުރިން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވެފައި ވަނީ، ބޭރު މީހުންނަށް ނަފުރަތުކުރުމާއި ހަރުކަށި ވަތަނީ ވިސްނުންތަކަށް ޕާޓީ ތެރެއިން ޖާގަ ލިބެމުންދާ ކަމަށާއި، އެއީ އެމްޑީޕީ އުފެއްދި އަސާސްތަކާއި ސިޔާސީ އައިޑެންޓިޓީއާ މުޅިން ހިލާފު މިސްރާބެއް ކަމަށެވެ. ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގެ ބަހުސް ކުރިއަށް ދާއިރު، ޕާޓީ ތެރޭގައި މި މައްސަލައިގައި ތަފާތު ހިޔާލުތައް ދަނީ ފެންމަތިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް