ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އައި ނޭޕާލުގެ ދެ މީހެއްގެ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ޖުމްލަ 142 ބުލެޓު މަސްތުވާތަކެތި ފެނުނު މައްސަލައިގައި، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 30 ދުވަސް އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ނިއްކަ ތަމަންގް އާއި 40 އަހަރުގެ އިތްރާނީ ގަލެއެވެ. މި ދެ މީހުން ރާއްޖެ އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓު ނަންބަރު އެފްޑީ571 ގައެވެ. އެއާޕޯޓުން ފައިބައި އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ކަސްޓަމްސް އިން ދެ މީހުން ވެސް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ސްކޭންކުރި ކަމަށް، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނުގައި ބުނެފައިވެއެވެ. ޑޮކްޓަރުންގެ ސްކޭނުން ދެ މީހުންގެ ހަށިގަނޑުގައި ވެސް ފޮރިން ބޮޑީސް ހުރިކަން ކަށަވަރުވެފައިވެއެވެ.
ބަންދު އަމުރުތަކުން އެނގޭ ގޮތުގައި ނިއްކަ ތަމަންގް ބޮޑުކަމު ދިޔަ ތަކެތިން 89 ބުލެޓު ނެރެވިފައިވާ އިރު، އެ ތަކެތީގެ ބަރުދަނުގައި 708.2 ގްރާމް ހުއްޓެވެ. އެ ތަކެތި ޑައަމޯފިން އާއި ޑައެޒެފާމް އަށް ޕޮޒިޓިވްވެފައިވެއެވެ. އޭނާގެ ކުޑަކަމުދާ ތަކެތި ކޮކޭން އަށް ވެސް ޕޮޒިޓިވްވެފައިވެއެވެ. އިތްރާނީ ގަލެގެ ހަށިގަނޑުން ނެރެވުނީ 53 ބުލެޓެވެ. އެ ތަކެތީގެ ބަރުދަނުގައި 475.6 ގްރާމް ހުރި އިރު، ކޮކޭން އާއި މޯފިން އާއި ކޯޑީން އަށް ޕޮޒިޓިވްވެފައިވެއެވެ.
ސުވާލުކުރުމުން ދެ މީހުން ވެސް ބުނެފައިވަނީ "ފެނުނު ތަކެއްޗަކީ ބެންކޮކުން ދިމާވި ޕާކިސްތާނު މީހަކު ރާއްޖެ ގެނައުމަށް ހަވާލުކުރި ތަކެތި" ކަމަށެވެ.
ދެ މީހުންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ސްމަގުލްކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް