ޕްރިމިއާ ލީގު: ނިއުކާސަލް އަތުން އާސެނަލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން ކުޅުނު މެޗުގައި ނިއުކާސަލް ކައިރިން ބަލިވެއްޖެއެވެ. ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މި ސީޒަނުގައި އެންމެ ފަހުނ...

02 Nov 2024 | 17:48

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން ކުޅުނު މެޗުގައި ނިއުކާސަލް ކައިރިން ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.

މި ސީޒަނުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް އާސެނަލް އަށް މޮޅެއް ހޯދިފައި ނުވާއިރު، މިރޭގެ މެޗުން ވި ބައްޔާއި އެކު އާސެނަލް މިވަގުތު ލީގު ތާވަލުގެ ހަތަރު ވަނާގައި އޮތީ 10 މެޗުން ލިބުނު 18 ޕޮއިންޓާއެކުގައެވެ.

މިރޭގެ މެޗު ފެށިގެން 12 ވަނަ މިނެޓުގައި ނިއުކާސަލް އިން ވަނީ ލީޑު ނަގާފައެވެ. އެލެކްސެންޑްރާ އިސާކް ޖެހި ލަނޑުން ނިއުކާސަލް އިން މެޗުގެ ލީޑު ނެގިއިރު، އޭނާއަށް މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެންތޮނީ ގޯޑޮންއެވެ.

މުޅި މެޗަށް ބަލާއިރުވެސް އާސެނަލްގެ ފަރާތުން ފެނުނީ ދައް ކުޅުމެކެވެ. އެގޮތުން މުޅި މެޗުގައިވެސް ނިއުކާސަލްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް އާސެނަލް އަށް ފޮނުވާލެވިފައެއް ނުވެއެވެ.

ޑެކްލަން ރައިސް ބޮލުން ފޮނުވާލި ހަމަލާއެއް ފިޔަވާ އިތުރު ނުރައްކާތެރި ހަމަލާއެއް ފެނިފައި ނުވާއިރު، އާސެނަލް ކައިރިން މޮޅުވެ ނިއުކާސަލް ވަނީ ލީގު ތާވަލުގެ ނުވަ ވަނައަށް ޖެހިލައިފައެވެ. އެއީ 10 މެޗިން 15 ޕޮއިންޓާއެކުގައެވެ.

މިރޭ ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗު 2-1 އިން މޮޅުވެ، 10 މެޗުން 25 ޕޮއިންޓް ހޯދައިގެން ތާވަލްގެ އެއްވަނައަށް ލިވަޕޫލް އެރިއިރު، ދެވަނާގައި23 ޕޮއިންޓާއި އެކު އޮތީ މެންޗެސްޓަރ ސިޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް