ބަޖެޓް ފާސްވާއިރު ބްލޮކް ގްރާންޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ: ރައީސް

މި ފަހަރުގެ ބަޖެޓް ފާސްވާއިރުގައިވެސް ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް އިންސައްތަ ކައުންސިލްތަކަށް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވ...

02 Nov 2024 | 17:23

މި ފަހަރުގެ ބަޖެޓް ފާސްވާއިރުގައިވެސް ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް އިންސައްތަ ކައުންސިލްތަކަށް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަގުފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ކައުންސިލްތަކަށްލިބޭ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދެއްވުމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދިނުމަށް ނިންމާމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބްލޮކް ގްރާންޓުގެ 5 އިންސައްތައިގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލުތަކަށް ލިބޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހުގެނައުމަށް ފޮނުއްވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރަށްވެސް ޤާނޫނުގައި ލިޔެވިފައިހުރި، މިއަދާ ހަމައަށް ނުކޮށްހުރި ކަންތައްތަކެއް ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ކައުންސިލްތަކަށް ހަވާލުކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ހިނގަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރިކުރުވައިގެން ކައުންސިލްތައް މެދުވެރިކޮށް ކަންތައްތައް ކުރުމުގައި މި ސަރުކާރުން ގެންދަނީ ޢަމަލާ ބަހާ ދިމާކުރަމުންކަމަށެވެ. އަދި މިއަދު ހުޅުވިގެންދާ "އޮޅު ހިޔާ" އަކީ އެކަމުގެ ނަތީޖާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް